ކޮޕާ އިޓާލިއާގެ ފައިނަލުން ޔުވެންޓަސް ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ޔުވެންޓަސް ޖާގަހޯދީ ސެމީ ފައިނަލްގައި އިންޓަރ މިލާންއާ ބައްދަލުކޮށް 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މިގޮތުން އިންޓަރ މިލާންގެ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗް 2 ލަނޑު އެއް ލަނޑުން ޔޫވެންޓަސް ކާމިޔާބުކުރިއިރު ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގްގެ މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
ރޭގެ މެޗްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިގޮތުން އިންޓަގެ ރޮމެލޫ ލުކާކޫ އާއި އަޝްރަފް ހަކީމީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އަދި ފުރަތަމަ ލެގްގައި އިންޓަރ ކޮޅަށް ދެލަނޑު ޖެހި ޔޫވެންޓަސްގެ ތަޖްރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ވަނީ އިންޓަރގެ ކީޕަރ ސަމީރު ހަންޑަނޮވިޗް ދިފާއުކޮށްފައެވެ.
މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގައި އިންޓަރއިން ފުރަތަމަ ލީޑު ނެގި ނަމަވެސް ރޮނާލްޑޯވަނީ އެމެޗްގައި ދެ ލަނޑު ޖަހާ މިމެޗަށް ނިކުންއިރު ޔުވެންޓަސް އަށް ލީޑު ނަގައިދީފައެވެ. ފައިނަލުގައި ޔުވެންޓަސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި އެޓަލާންޓާ ބައްދަލުކުރާ ސެމީފައިނަލްމެޗުން މޮޅުވާ ޓީމަކާއެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
މިދިޔަ އަހަރު ނަޕޯލީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޔުވެންޓަސްއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 4 ލަނޑު 2 ލަނޑުންނެވެ.