ކުޅިވަރު

15ވަނަ ފަހަރަށް މުއީނާ އަންހެން ސިންގަލްސް ޗެންޕިއަންކަން


ގައުމީ
ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ
ޗެންޕިއަންކަން މުއީނާ މުހައްމަދު 15 ވަނަ ފަހަރަށް ހޯދައިފި. 

މިހާރު
ކުރިއަށްދާ 55 ވަނަ ގައުމީ
ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެންބައިގެ ޗެންޕިއަންކަންވެސް ހޯދާފައިވަނީ
މުއީނާ މުހައްމަދު ހޯދައިފިއެވެ. މިބައިގެ ޗެންޕިއަންކަން މުއިނާ މުހައްމަދު ހޯދީ
ފައިނަލްގައި އައިޝަތު ރަފާ ނާޒިމްއާ ވާދަކޮށް ތިނެއް ހަތަރަކުން ކުރި ހޯދައިގެންނެވެ.
މުއީނާވަނީ މިބައިގެ ޗެންޕިއަންކަން ފަނަރަ ފަހަރު ހޯދިއިރު، ޖެހިޖެހިގެން
ތޭރަފަހަރު ހޯދާފައެވެ.



މިމުބާރާތުގެ ފަނަރަ އަހަރުން
ދަށުގެ އަންހެން ސިންގަލްސްބައިގެ ޗެންޕިއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމްއެވެ. ރަފާ
މިބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ތިނެއް ސުމަކުން ލައިސާ ފަތުހުއްﷲ
އިސްމާއީލް ބަލިކޮށްގެންނެވެ. މިއުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަން
ހޯދާފައިވަނީ މުހައްމަދު ޝައްފާން އިސްމާއީލްއެވެ. ޝައްފާން އިސްމާއީލް ޗެންޕިއަންކަން
ހޯދީ ފައިނަލްގައި މުހައްމަދު އަހްނާފް އަހުމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފަނަރަ އަހަރުންދަށުގެ ފިރިހެން ޑަބަލްސްގެ ޗެންޕިއަންކަން ހޯދާފައިވަނީ
މުހައްމަދު ޝައްފާންއާ މުހައްމަދު އަހްނާފްގެ ޕެއާރއެވެ. މިޕެއާރ ޗެންޕިއަންކަން
ހޯދާފައިވަނީ މުހައްމަދު ހުމާމްއާ ރިލްވާން މުހައްމަދުގެ ޕެއާރގެ މައްޗަށް ކުރި
ހޯދައިގެންނެވެ. ނުވަ އަހަރުންދަށުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދީ ދިޔާމް
ސިފާޙްއެވެ. ދިޔާމް ސިފާޙްމިބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ ފާތިމަތު މިޝްކާ
ނިޔާޒްއާ ވާދަކޮށް ތިނެއް ދޭއްކުން ކުރި ހޯދައިގެންނެވެ.

ނުވަ އަހަރުން ދަށުގެ
ފިރިހެން ސިންގަލްސް ޗެންޕިއަންކަން ހޯދާފައިވަނީ އަހުމަދު ރައްޔާންއެވެ. ރައްޔާން
ޗެންޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ޒީކް ހަސަން ލަތީފްގެ މައްޗަށް ތިނެއް
އެކަކުން ކުރި ހޯދައިގެންނެވެ.