އަންނަ އަހަރު އަމަލުކުރުމަށް
ހަމަޖެހިފައިވާ ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭއްކަށް ބޭނުންވާ ޓެކްސްޓް
ފޮތްތަކާއި، ޓީޗާރޒް ގައިޑްތައް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސްކޫލްތަކަށް
ބެހޭވަރުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ޤައުމީ އާ މަންހަޖުގެ ކީ
ސްޓޭޖް ދޭއްގައި ހިމެނެނީ ގްރޭޑް ހަތަރުން ފެށިގެން ގްރޭޑް ހަޔަކާއި ދެމެދު
ކިޔަވަމުންދާ ދަރިވަރުންނެވެ. ރޭގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެ
މިނިސްޓްރީގެ ފަރާތުން މިވަގުތު އެންމެ މުހިއްމު ކަމެއްދީގެން ކުރިއަށްގެންދާ
މަސައްކަތަކީ ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭއްކަށް ބޭނުންވާ އެގާރަ
މާއްދާއެއްގެ ޓެކްސްޓް ފޮތްތަކާއި، ޓީޗާރޒް ގައިޑްތައް ތައްޔާރުކުރުމުގެ
މަސައްކަތްކަމަށެވެ. އެގޮތުން ދިވެހި، އިސްލާމް އަދި ޤުރުޢާން މި ތިން މާއްދާގެ
ޓެކްސްޓް ފޮތްތައް ތައްޔާރު ކުރުމުގެ މަސައްކަތް ދިވެހި ބަޔަކާއި ހަވާލުކޮށްގެން
ކުރިއަށްދާއިރު، އެހެނިހެން މާއްދާތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކެބްރިޖްގެ
ބޭފުޅުންނާއި ގުޅިގެން ކުރައްވަމުންދާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޓެކްސްޓް ފޮތްތައް ތައްޔާރުކުރުމުގެ ބޮޑު ބައެއް
މިހާރު ނިމިފައިވާކަމަށެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ ޑިސެމްބަރު މަހުގެ
ނިޔަލަށް ހުރިހާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ބެހޭވަރު ކުރުންކަމަށެވެ.އެޑިއުކޭޝަން މިނިސްޓްރީގެ
ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދަރިވަރުންނަށް ބޭނުންވާ
ޓެކްސްޓް ފޮތްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކަރިކިއުލަމް
ޑިވެލޮޕަރުން އެ މަސައްކަތްތައް ވަރަށް ގާތުން މޮނިޓަރ ކުރައްވަމުންދާނެކަމަށެވެ. އެގޮތުން
ފޮތްތައް ތައްޔާރުކުރެވެނީ މުޤައްރަރުގެ މައިގަނޑު ބައިތަކަށް އަމާޒު
ކޮށްގެންތޯއާއި، އޭގައި ހިމެނޭ މައުލޫމާތަކީ ކިޔަވާކުދިންގެ އުމުރުފުރާއާއި
ގުޅޭގޮތަށް ފަރުމާކޮށްފައިވާ އެއްޗެއްތޯ އެބޭފުޅުން ބަލަމުންދާނެ ކަމަށް ސްޓޭޓް
މިނިސްޓަރ ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓްރީން
ވަނީ ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭއްކަށް ބޭނުންވާ ހުރިހާ މުޤައްރަރުތަކެއް އާއްމުންނަށް
ކިޔޭނެހެން ނޭޝެނަލް އިންސްޓިޓިއުޓް އޮފް
އެޑިއުކޭޝަން، އެން.އައި.އީގެ ވެބްސައިޓްގައި އަޕްލޯޑްކޮށްފައެވެ. އަދި ޓެކްސްޓް
ފޮތްތައް ތައްޔާރުކުރުމުގެ މަސައްކަތް ނިމުމާއެކު، ބެލެނިވެރިންނަށް ޚާއްސަ
ގޮތެއްގައި އަތޮޅުތަކުން ވަޑައިގަންނަވާ ބޭފުޅުންނަށް ވީހާވެސް ފަސޭހައިން
އެތަކެތި މާލޭގެ އެކި ސަރަހައްދުތަކުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާނެކަމަށް
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.މީގެ އިތުރުން ޤައުމީ އާ މަންހަޖުގެ ކީ
ސްޓޭޖް ދޭއްކަށް ޓީޗަރުންނާއި ބެލެނިވެރިން އަހުލުވެރިކުރުމަށް މާލެއާއި
އަތޮޅުތަކުގައި މިހާރުވެސް އެކިކަހަލަ ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދާކަމަށް
އެ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.