ސިޔާސީ

ބަންގްލަދޭޝާއެކު އިޖްތިމާޢީ ، އިޤްތިޞާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރާނަން - މިނިސްޓަރ ޝާހިދު


ބަންގްލަދޭޝާއެކު އިޖްތިމާޢީ ދާއިރާއިންނާއި އިޤްތިޞާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރައްވާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ކުރިއަށްގެންދިޔަ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްގެންދިޔަ ބައިލެޓްރަލް ޓޯކްސްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިގުޅުން އިތުރަށް ހަރުދަނާކޮށް، ދެޤައުމުގެ ދެމެދު ޢިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރަން ބޭނުންވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބަންގްލަދޭޝްގެ މީހުންގެ މައްސަލައަށް ޙައްލެއް ގެނައުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި މަޝްވަރާތަކަށްފަހު ރާއްޖެއާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުން ވަނީ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއްވެސް ދެއްވާފައެވެ.


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބަންގްލަދޭޝްއަށް ވަޑައިގެންފައިވަނީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އޭ. ކޭ. އަބްދުލް މޮމެންގެ ދަޢުވަތަކަށެވެ. 2 ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.

އޭގެ ތެރޭގައި ހިމެނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލައަށް ހައްލެއް ގެނައުމަށް ހިއުމަން ރިސޯސް ޕްލޭސްމަންޓް އެއްބަސްވުމަކާއި، ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓާއި ބަންގްލަދޭޝްގެ ފޮރިން އެކަޑަމީއާއި ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދާއި ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ގިނާ ބައިވެރިވެވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއިން ބަންގްލަދޭޝްއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 22 ސެޕްޓެމްބަރު 1978 ގައެވެ. މިއަހަރު މި ގުޅުމަށް 43 އަހަރު ފުރޭނެއެވެ.