ޚަބަރު

އުދައްޔުގެ މަރަށް އިންސާފުހޯދަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން - ހޯމްމިނިސްޓަރ


އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ގއ.މާމެންދޫގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން ބޮޑެތި ޒަހަމްތަކެއް ލިބުނު އުދައްޔު ނިޔާވެފައިވަނީ ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އުދައްޔުގެ މަރާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހި ފަސްގަނޑުގައި މިފަދަ ކަންކަން ކުރުމަކީ ދިވެހި ސަރުކާރަށް ތަޙައްމަލު ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ.


އުދައްޔުގެ މަރާ ގުޅިގެން، އަޅަންޖެހޭ އެންމެހައި ފިޔަވަޅު އަޅައި، މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން ކުރަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން މިނިސްޓަރ އިމްރާން ވަނީ ދެއްވާފައެވެ.

ފުލުހުން ވިދާޅުވީ ރޭ ހިނގި މާރާމާރީއާއި ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ ޢުމުރުން 27 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނަކާއި ޢުމުރުން 18 އަހަރުގެ ކުއްޖެއްކަމަށެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއް ދަށުންކަމަށް ފުލުހުން ވިދާޅުވެއެވެ.