ތަޢުލީމު

"ބީ އިންޓަރނެޓް އޯސަމް" ޕްރޮގްރާމް އިފްތިތާޙްކޮށްފި


ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމާ ބެހޭގޮތުން ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ހިންގާ "ބީ އިންޓަރނެޓް އޯސަމް" ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުންނެވެ. އަދި މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3އިން 9ގެ ދަރިވަރުންނަށެވެ.

"ބީ އިންޓަރނެޓް އޯސަމް" ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ އިންޓަރނެޓްގެ ސަބަބުން ލުއިފަސޭހަތަކެއް ލިބުންނަމަވެސް، އިންޓަރނެޓްގެ އަދިރިފަރާތެއްވެސްވާކަން ފާހަގަކުރައްވާފައެވެ. އަދި ދިރިއުޅުމުގައި މިހާބޮޑަށް ބޭނުންޖެހިފައިވާކަމެއްގައި މިހާރަށްވުރެ ރައްކާތެރިގޮތެއްގައި އިންޓަރނެޓް ބޭނުންކުރެވޭނެ ގޮތްގޮތަށް ބަލަންޖެހޭ ކަމަށާއި، ވަކިން ޚާއްސަކޮށް ކުޑަކުދިން އިންޓަރނެޓްގެ އަދިރިފަރާތުން ސަލާމަތްކުރުމަށް އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމް ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3އިން 9އާ ދެމެދުގެ ހުރިހާ ދަރިވަރުން ފުރިހަމަ ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ، ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީ، ޔުނިސެފް އަދި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، ހިންގުމަށް ހަމަޖެހިފައިވާ "ސައިބަރ ސްމާރޓް" ކެމްޕެއިންގެ ޕޯސްޓަރާއި ޓްރެއިލަރވެސް ލޯންޗްކޮށް ދެއްވާފައެވެ.

މި ކެމްޕެއިން އަކީ ސްކޫލް ކުދިން ކިޔެވުމަށާއި އެހެން ބޭނުންތަކަށް ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކެމްޕެއިންގެ ދަށުން ކުދިންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް، އިންޓަރނެޓް ސޭފްޓީއާއި، އޮންލައިން ލަރނިންގް ފަދަ ކަންކަމާގުޅޭ މަޢުލޫމާތު، ޕޯސްޓަރ، ވީޑިއޯ އަދި އެހެނިހެން ގޮތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރެވިގެން ދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.