ވިޔަފާރި

ކޯވިޑް ކޭސްތައް އިތުރުވަމުންދާތީ، ޔޫކްރެއިންގެ 'ރެޑް ޒޯން' ލިސްޓަށް ރާއްޖެ


ރާއްޖޭގެ ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ޔޫކްރެއިންގެ 'ރެޑް ޒޯން' ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

ޔޫކްރެއިންގެ 'ރެޑް ޒޯން' ލިސްޓުގައި ރާއްޖެ ހިމެނުމުން އެޤައުމަށް ރާއްޖެއިން ދަތުރުކުރާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. ކޮންމެ ހަތް ދުވަހަކުން ޔޫކްރެއިންގެ ހެލްތް މިނިސްޓްރީން އަޕްޑޭޓްކުރާ ލިސްޓަށް ރާއްޖޭގެ އިތުރުން، ނަމީބިއާ، ބޮޓްވާނާ، މޮލްޑޯވާ، ކުވެެއިތު، މެލޭޝިއާ އަދި އެސްވަތިނީއެވެ. މިއާއެކު ޔޫކްރެއިންގެ ރެޑް ޒޯން ލިސްޓުގައި ހިމެނޭ ޤައުމުތަކުގެ އަދަދުވަނީ 80 އަށް އަރާފައެެވެ.

ޔޫކްރެއިންގެ ގްރީން ޒޯން ލިސްޓުގައި ހިމެނެނީ 124 ޤައުމެވެ. އޭގެތެރޭގައި ސްރީލަންކާ، ތުރުކީ، ތައިލެންޑް އަދި މިސްރު ހިމެނެއެވެ. މި ޤައުމުތަކުން ޔޫކްރެއިންއަށް އެތެރެވާ ފަރާތްތަކުން ކޯވިޑް ޓެސްޓު ހަދާކަށް ނުޖެހެއެވެ. އަދި ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރާކަށްވެސް ނުޖެހެއެވެ.

ޔޫކްރެއިންގެ ރެޑް ޒޯން ލިސްޓަށް ރާއްޖެ އަރާފައިވާއިރު، ޔޫކްރެއިންއަކީ މިހާރު ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރު މިހާތަނަށް އެޤައުމުން ރާއްޖެއަށް 8739 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، އަބޫދާބީގެ ގްރީން ލިސްޓުންވެސް ރާއްޖެ ވަނީ އުނިކޮށްފައެވެ. މިއާއެކު ރާއްޖެއިން އަބޫ ދާބީއަށް ދަތުރުކުރާ ފަރާތްތައް، ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ.