ވިޔަފާރި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ބައިނަލްއަޤްވާމީ އެވޯޑެއް


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް، އެއަރޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)ގެ އެވޯޑެއް ލިބިއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބިފައިވަނީ އޭސީއައިގެ ވޮއިސް އޮފް ކަސްޓަމަރ އެވޯޑެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، މި އެވޯޑަކީ ކޯވިޑުގެ ހާލަތުގައި އެއަރޕޯޓުން ޙިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ދެމުންދާ ޙިދުމަތްތައް ފާހަގަކޮށް ދީފައިވާ އެވޯޑެއް ކަމަށެވެ.

"މީ ޕެންޑަމިކްގެ ތެރެއިން ކަސްޓަމަރ ފޯކަސްކޮށް އަދި ފަސިންޖަރުންގެ ވާހަކަތައް އަޑުއަހައި، ކަންތައްތައް ރަނގަޅުކޮށް އެބޭފުޅުންގެ ސޭފްޓީ ކަންތައްތަކާއިވެސް ވަރަށް ބޮޑަށް އެންގޭޖްވެގެން އުޅުނީމަ އެކަން ފާހަގަކޮށް އޭސީއައިއިން ދީފައިވާ އެވޯޑެއް،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މި އެވޯޑް ވީއައިއޭ ފަދަ ކުޑަ އެއަރޕޯޓަކަށް ލިބުމަކީ ވަރަށް ފަޙުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި އެވޯޑް ދީފައިވަނީ ކަސްޓަމަރުންގެ ހިޔާލުގެ މައްޗަށް ބެލުމަށްފަހުކަމަށް ހަސަން ވިދާޅުވިއެވެ.

" މި އެވޯޑު ދިނުމުގައި އެސެސްކުރި ގޮތަކީ ތިން ކުއާޓަރގެ އޭއެސްކިއު، ޑިޕާޗަރ ސަރވޭ، ނަގައިގެން، އެސަރވޭ ބަލައިގެން ފަސިންޖަރުން ކިޔަނީ ކީކޭތޯ، އެއަރޕޯޓް ރަނގަޅުތޯ، ކަންތައްތައް އިންތިޒާމްވެފަ ހުރީ ކިހިނެތްތޯ، ސެކިއުރިޓީ ކަންތައްތައް ކުރަނީ ކިހިނެތްތޯ، ގާތްގަނޑަކަށް ތިން ކުއާރޓަރގެ ސަރވޭގެ ޑޭޓާއަށް ބަލާފަ މި އެވޯޑް މި ލިބުނީ،" ހަސަން ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރުމަހުވެސް ވެލާނާ އެއަރޕޯޓަށް ވަނީ އެއަރޕޯޓް އެކްރެޑިޓޭޝަން ސެޓްފިކެޓް ލިބިފައެވެ. ރާއްޖެއަށް މި ސެޓްފިކެޓް ލިބިފައިވަނީ މުޅި ދުނިޔެއިންވެސް 12 ވަނަ އަށެވެ. މިއީވެސް ވަރަށް ބޮޑު ކާމިޔާބީއެއްކަން ހަސަން ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންގައި ގިނަ ފަރާތްތަކެއްގެ މަސައްކަތް އެކުލެވިގެންދާކަމަށެވެ. އެގޮތުން ކަސްޓަމްސް، އިމިގްރޭޝަން، ޕޮލިސް ފަދަ ވުޒާރާތަކުގެ ބުރަ މަސައްކަތް މިފަދަ އެވޯޑުތައް ރާއްޖެއަށް ލިބުމުގައި ބޮޑު ރޯލެއް އަދާކުރާކަމަށް ހަސަން ވިދާޅުވިއެވެ.