ސިޔާސީ

އެމް.އެމް.ޕީ.އާރު.ސީ އޮޑިޓްކުރުމަށް ސަރުކާރުން އަންގަވައިފި


މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އާރު ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީ އޮޑިޓްކުރުމަށް ސަރުކާރުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތަށް އަންގަވައިފިއެވެ. މިކަން ހާމަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވަނީ ޓްވީޓް ކުރައްވާފައެވެ. މުއާޒްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ 17 ނޮވެމްބަރު 2013 އިން ފެށިގެން އެމް.އެމް.ޕީ.އާރު.ސީ އޮޑިޓްކުރެއްވުމަށް ސަރުކާރުން އޮޑިޓަރ ޖެނެރަލަށް މިހާރު އަންގަވާފައިވާކަމަށެވެ. އެމް.އެމް.ޕީ.އާރު.ސީ އޮޑިޓްކުރުމަށް ސަރުކާރުން އޮޑިޓަރ ޖެނެރަލަށް އަންގަވާފައިވާއިރު، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފައެވެ. ފުލުހުން ބަލަމުންދާ މައްސަލައެއްގައި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެލާނާގޭގައި ހުންނަ އެމް.އެމް.ޕީއާރުސީގެ އޮފީސް ބަލާފާސްކޮށްފައިވެއެވެ. އަދި އެއަށްފަހު އެމް.އެމް.ޕީ.އާރު.ސީގެ އޮފީސް ފުލުހުން ވަނީ ބަންދުކޮށްފައެވެ.