ދުނިޔޭގެ ވިޔަފާރި

ޙާލަތު ރަނގަޅުނުވާނަމަ މެދުތެރޭ އެމެރިކާގެ އިޤްތިޞާދަށް އޮތް ނުރައްކާ ބޮޑު: އައިއެމްއެފް


ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުތަކަށް އެދެވޭ މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ މެދުތެރޭ އެމެރިކާގެ ހީނަރުވެފައިވާ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް އުނދަގޫވާނެކަމަށް އިންޓަނޭޝަނަލް މޮނެޓަރީ ފަންޑު، އައިއެމްއެފުން ބުނެފިއެވެ.

މެދުތެރޭ އެމެރިކާގެ އިޤްތިޞާދާއި ގުޅޭގޮތުން އައިއެމްއެފަށް ކުރެވޭ އަންދާޒާތައް ޙިއްޞާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައިއެމްއެފްގެ ވެސްޓަން ހެމިސްފިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު، އަލެހަންދުރޯ ވާނާ ވިދާޅުވީ ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމުގައި ބޮޑެތި ކުރިއެރުންތައް ނުލިބޭނަމަ މެދުތެރޭ އެމެރިކާގައި ބަލިޖެހޭ މީހުންގެ ޢަދަދާއި ބަލީގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު މަދު ނުކުރެވޭނެކަމަށެވެ. އެގޮތަށް އެކަން ވެއްޖެނަމަ އެ ސަރަޙައްދަށް އިޤްތިޞާދީ ކުރިއެރުން ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

2021ވަނަ އަހަރުގެ ތެރޭގައި މެދުތެރޭ އެމެރިކާގެ އިޤްތިޞާދަށް 4.1 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި އަންދާޒާކޮށްފައިވާ 3.6 އިންސައްތައިގެ ކުރިއެރުމަށްވުރެ އިތުރު ނިސްބަތެކެވެ. އިޤްތިޞާދީ ކުރިއެރުން ލިބުނު ނަމަވެސް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ބޮޑު ތަނުން ދަށަށް ގޮސްގެން ނޫނީ އިޤްތިޞާދަށް ކުރިއެރުން ލިބޭ މިންވަރު ލަސްވާނެކަމަށް އައިއެމްއެފުންވަނީ ފާހަގަކޮށްފައެވެ.

މެދުތެރޭ އެމެރިކާގެ އިޤްތިޞާދު ހީނަރުވެފައިވަނީ ހަމައެކަނި ކޯވިޑް-19ގެ ސަބަބަކުންނެއް ނޫނެވެ. 2014ވަނަ އަހަރުން ފެށިގެން މެދުތެރޭ އެމެރިކާގެ އިޤްތިޞާދު ދަނީ ހީނަރުވަމުންނެވެ. އެ ސަރަޙައްދުގެ އިޤްތިޞާދީ ޙާލަތުގެ ސަބަބުން ގިނަ ޤައުމުތަކެއްގައި ހަމަނުޖެހުން އުފެދިފައިވާކަމަށް ވާނާ ވިދާޅުވިއެވެ. ކޮރޯނާވައިރަހާއި މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މެދުތެރޭ އެމެރިކާއަށް ވަނީ އައު ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ.

މެދުތެރޭ އެމެރިކާގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުން ގުޅިފައިވަނީ އެ ސަރަޙައްދުގެ ދެކުނުގައި އޮންނަ އަވަށްޓެރި އެމެރިކާއަށެވެ. އެމެރިކާގެ އިޤްތިޞާދީ ޙާލަތު ރަނގަޅުނުވެ ގިނަ ދުވަސްވާ ވަރަކަށް މެދުތެރޭ އެމެރިކާއަށް އޭގެ އަސަރު ކުރާ މިންބވަރު ބޮޑުވާނެކަމަށް ވާނާ ވިދާޅުވިއެވެ. އޭގެ އިތުރުން، އިޖުތިމާޢީ ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓާރއަށް ޖާގަ ދޭންޖެހޭކަމަށް ވާނާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ކޮންމެ ޤައުމަކުންވެސް ސިޔާސަތުތަކަށް ބަދަލުގެނަސް އިޤްތިޞާދީ ކުރިއެރުން ލިބޭ ދުވެލި އަވަސްކުރުމަށް އެދެވޭ މަސައްކަތްތައް ކުރަންޖެހޭކަމަށެވެ. އަދި އިތުރު ފުރުޞަތުތަކަށް ޖާގަ ދޭންޖެހޭކަމަށެވެ.

2020 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ކޯވިޑް-19ގެ ސަބަބުން މެދުތެރޭ އެމެރިކާގައި ޤާއިމްކުރި ހަރުކަށި ފުރަބަންދުތަކާއި އެހެނިހެން ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުން ޖެހިގެން އައި މަސްތަކުގައި ވަނީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ރަނގަޅުވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުގައި އެ ސަރަޙައްދުގައި ބަލީގެ ދެވަނަ ރާޅެއް ފެތުރެން ފެށުމާއިއެކު އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށްވަނީ އަނެއްކާވެސް ބުރޫއަރާފައެވެ.

ބުރެޒިލާއި ޕެރޫއާއި އާޖެންޓީނާފަދަ ޤައުމުތަކުގައި ތަކެތި އުފައްދާ މިންވަރު ޚިދުމަތްތައް ފޯރުކޮށްދެވޭ މިންވަރަށްވުރެ އިތުރުކަމަށް އައިއެމްއެފުން ބުންޏެވެ. ނަމަވެސް ތަކެތި ގަންނަ މިންވަރާއި އިންވެސްޓު ކުރާ މިންވަރު ދިޔައީ ދަށަށެވެ. 2020 ވަނަ އަހަރުގެ ތެރޭގައި އާޖެންޓީނާގެ އިޤްތިޞާދަށް ވަނީ 10.4 އިންސައްތައިގެ ހީނަރުކަމެއް އައިސްފައެވެ. އައިއެމްއެފުން ވަނީ މި އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދަށް 4.5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް ލަފާކޮށްފައެވެ. އާޖެންޓީނާގެ އިންފްލޭޝަން ދަށްކުރުމަށް އައިއެމްއެފުން ވަނީ ބައެއް މާލީ ސިޔާސަތުތަކަށް ބަދަލުގެނައުމަށް އެ ޤައުމަށް ލަފާ ދީފައެވެ.

މެދުތެރޭ އެމެރިކާގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ޗިލީގެ އިޤްތިޞާދީ ޙާލަތާއިމެދު ކުރެވޭ އުންމީދު ބޮޑެވެ. ވާނާ ވިދާޅުވީ ޗިލީގެ ޙާލަތު އެހާ ގޯސްވެފައި ނުވަނީ އެންމެ މުހިންމުވީ ވަގުތުގައި ޗިލީގެ ސަރުކާރުގެ ފަރާތުން އެދެވޭ މިންވަރަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާތީކަމަށެވެ. އަދި ބަލިމަޑުކަމުގެ މި ޙާލަތުގައި ދަގަނޑުގެ އަގު ނުވެއްޓި ހިފެހެއްޓިފައި ހުރުމަކީވެސް ދަގަނޑުގެ ވިޔަފާރިކުރާ ޗިލީގެ އިޤްތިޞާދީ ޙާލަތު އެހާ ގޯސްވެފައި ނުވާ އެއް ސަބަބުކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކެރީބިއަން ސަރަޙައްދަށް ބަލާނަމަ އެ ސަރަޙައްދުގެ އިޤްތިޞާދަށް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުންނެވެ. ފުރަބަންދުތަކާއި ދަތުރުފަތުރުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އެ ދާއިރާއެއްގެ މައްޗަށް ބަރޯސާވާ ކެރީބިއަން ފަތުރުވެރިކަން ވަނީ އެއްކޮށްހެން ހުއްޓުމަކަށް އައިސްފައެވެ.

މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ބައެއް ޤައުމުތަކުން އެ ޤައުމުގެ އިޤްތިޞާދުތަކާއި މެދު ކުރާ އުންމީދު ބޮޑެވެ. 2020 ވަނަ އަހަރުގެ ތެރޭގައި މެކްސިކޯގެ އުފެއްދުންތެރިކަމުގެ ނިސްބަތް 8.5 އިންސައްތައިން ދިޔަނަމަވެސްމެކްސިކޯގެ ރައީސް އަންދުރޭޒް މަނުއަލް ލޯޕެޒް އޮބްރާޑޯވަނީ މި އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދަށް 5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އެއީ އައިއެމްއެފުން އަންދާޒާކޮށްފައިވާ 4.3 އިންސައްތައިގެ ކުރިއެރުމަށްވުރެ އިތުރު ޢަދަދެކެވެ.