މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން މިއަދު ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ. އެ ކޮމިޝަނުން ވިދާޅުވީ މި ޕްރެސް ކޮންފަރެންސް އޮންނާނީ މިއަދު މެންދުރު 13:00 ގައި ކަމަށެވެ.
ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން، ވަގަށް ނަގައި މަރާލާފައިވާކަމަށް ބެލެވޭ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައާއި ގުޅޭ މައުލޫމާތުތަކެއް ހޯދުމަށް ކޮމިޝަނުން އިއްޔަވަނީ އިއުލާންކޮށްފައެވެ. މިގޮތުން ރިލްވާން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ގަދަކަމުން ކާރަކަށް އަރުވަން އުޅުމުގެތެރޭގައި ވެއްޓުނު ވަޅީގެ ފޮޓޯއެއް އާއްމުކޮށް އެ ވަޅިއާއި ބެހޭ މައުލޫމާތު ހިއްސާކޮށްދިނުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. އަދި ސައްހަ މައުލޫމާތު ހިއްސާކޮށްދޭ ފަރާތަކަށް 500،000 ދިވެހި ރުފިޔާ ވަނީ ހުށައަޅާފައެވެ.
ކޮމިޝަނުން އާއްމުކޮށްފައިވާ ވަޅީގެ ފޮޓޯއަށް ބަލާއިރު އެއީ ޑައިވިން ސާމާނު އުފައްދާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ސައިކޯ ބްރޭންޑްގެ ވަޅިއެކެވެ.
ކޮމިޝަނުން ވިދާޅުވީ މި ވަޅިއާއި ގުޅޭ މައުލޫމާތު އެނޭ ފަރާތްތަކުން އެ ކޮމިޝަނަށް ހާޒިރުވެ ނުވަތަ 7390841 ގުޅާވެސް އެ މައުލޫމާތު ހިއްސާ ކުރެވިދާނެކަމަށެވެ. އަދި މައުލޫމާތުދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމަށްވެސް ކޮމިޝަނުން ވިދާޅުވެއެވެ.
ނޫސްވެރިޔާ ރިލްވާންގެ މައްސަލަ ކޮމިޝަނުން މިހާރު ތަހުޤީގުކުރަމުން އަންނަނީ އައިލާގެ އެދުމުގެ މަތިން ރާއްޖެއިން ބޭރުން ގެނައި އިންވެސްޓިގޭޓިވް އޮފިސަރަކާއި އެކުއެވެ.
ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގެ އިތުރުން އަނިޔާވެރިގޮތަކަށް މަރާލި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު ޑރ އަފްރާޝިމް އަލީގެ މަރުގެ މައްސަލައާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެއެވެ.