ފޯމިއުލަރ ވަންގެ ދުނިޔޭގެ ޗެމްޕިއަން ލުއިސް ހެމިލްޓަން މަރސިޑީޒްގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމާ ކޮންޓްރެެކްޓް އާކޮށްފި. މަރސިޑީޒްއާއެކު ސޮއި ކުރި މިއެއްބައްވުމާއެކު މިސީޒަން ވެގެންދާނީ ހެމިލްޓަން އެޓީމްގައި ހޭދަ ކުރާ ނުވަަވަނަ ސީޒަނަށް.
ހެމިލްޓަން މިދިޔަ ސީޒަންގައިވަނީ ފޯމިއުލަރ ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދުމުގެ ރިކޯޑް އޮންނަ މައިކަލް ޝޫމާކަރގެ ރިކޯޑާއި ހަމަކޮށްފައެވެ. އަދި މިއަހަރު އޭނާ ނިކުންނާނީ ފޯމިއުލަރ ވަން ކާރު ރޭސް އަށްވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ހެމިލްޓަން ހާމަކުރިގޮތުގައި މަރސިޑީޒް ޓީމާއެކު އޭނާއަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވެއެވެ. އަދި މިސީޒަންގައިވެސް މަސައްކަތް ކުރާނީ ހޯދިފައިވާ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް އިތުރަށް ޓީމް ރަނގަޅުކޮށް އިތުރު ކާމިޔާބީތައް ހޯދުމަށްކަމަށް އޭނާ ހާމަކުރިއެވެ. މިފަހަރު ހެމިލްޓަން އާއި މަރސިޑީޒްއާއ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މޯޓަރސްޕޯޓްސް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި އިތުރު ހަރަކާތްތައް ގުޅިގެން ކުރުމަށް އެއްބަސްވެފަައިވެއެވެ. މިގޮތުން ދެފަރާތް ގުޅިގެން އާ ފައުންޑޭޝަނެއް އުފެއްދުމަށް މަސައްކަތް ކުރުމަށްވަނީ ނިންމިފައެވެ. އަދި މިކަމަށް މަރސިޑީޒްއިން ވަރަށް ބޮޑަށް ޝައުގުވެރިވާކަމަށް ހެމިލްޓަން ހާމަކުރިއެވެ. އާސީޒަން ފެށުމަށް ކެތް މަދުވެފައިވާކަމަށް ހެމިލްޓަން ހާމަކޮށްފައިވެއެވެ.
މަރސިޑީޒް ޓީމްގެ ވެރިޔާ ޓޮޓޯ ވުލްފް ހާމަކުރިގޮތުގައި މިފަހަރު އެއްއަހަރުގެ އެއްބަސްވުމަކަށް ދެފަރާތުގެ މެދުގައި އެއްބަސް ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދެފަރާތުގެ މެދުގައި ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތަށް ފެށުނުލެއް ލަސްވުމެވެ. އަދި ވާހަކަތައް ފެށުން ލަސްވުމުގެ ސަބަބު ތަކުގެ ތެރޭގައި ހެމިލްޓަންއަށް ޑިސެމްބަރމަހު ކޮވިޑް ޖެހުމާއި އަދި ކޮރޯނާ ވައިރަހާހެދި ކަންތައްތައް ވަމުންދާގޮތް ބަލަށް ދެފަރާތުން މަޑުކޮށްލުން ހިމެނޭ ކަމަށް ވުލްފް ހާމަކުރިއެވެ. މިގޮތުން ކޮރޯނާ ވައިރަހުގެ މަލިމަޑުކަމާހެދި އާސީޒަން މިފަހަރު އޮންނާނެ ގޮތެއް ނޭނގުމާއި ފޯމިއުލަރ ވަންގެ މުހިންމު ގަވައިދުތަކަކަށް ގެނެސްފައިވާ ބަދަލުތައް ވުލްފް ފާހަގަކުރިއެވެ. މިގޮތުން މިސީޒަންގައި ޓީމަށް ލިބޭ އަންމުދަނީ އަށް އަސަރު ކުރާނެކަމަށް މިހާރުވެސް ބެލެވޭކަމުގައި އޭނާ ހާމަކުރިއެވެ. އެހެންކަމުން މިފަހަރު އެއް އަހަރުގެ އެއްބަސްވުމަކަށް ދެފަރާތުން އެއްބަސްވެ މިއަހަރުގެ ތަންކޮޅެއް ކުރީކޮޅު އާ އެއްބަސްވުމުގެ ވާހަކަ ދެފަރާތުން ފަށަން އެއްބަސްވެވިފައިވާކަމަށް މަރސިޑީޒް ޓީމުން ހާމަކުރެއެވެ.
އާ ކޮންޓްރެކްޓެއް އެކުލަވާލުމުގައި ލަސްވެގެންދިޔައީ އެއްބަސްވުމަކަށް އައުމުގައި ދެފަރާތުގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުންކަމަށް ކޮންމެވެސް ވަރަކަށް އަޑުފެތުރު ނަމަވެސް ވުލްފްވަނީ ހެމިލްޓަނާއި އޭނާއާއި އަދި ޓީމްގެ އެއްވެސް ފަރާތަކާއި ދެމެދު އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަށާއި އަދި ޓީމުގައި ހެމިލްޓަނާއި އެކު ރޭސް ޖަހާ ދެވަނަ ޑްރައިވަރު ކަނޑައެޅުމުގައި ވީޓޯ ކުރުމުގެ ބާރު ހެމިލްޓަންއަށް ދީ ޓީމަށް ލިބޭ ފައިދާއިން ބައި އެޅުމަށް ހެމިލްޓަން އެދުނު ކަމަށް ދެކެވުނު ވާހަކަތަށްވެސް ވުލްފްވަނީ ދޮގުކޮށްފައެވެ. އަދި ހެމިލްޓަން އެކަހަލަ އެއްވެސް ކަމަކަށް އެދިފައި ނުވާކަމުގެ ޔަގީންކަން އޭނާ ދިނެވެ. ނަމަވެސް ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ އަގެއް ހާމަކޮށްފައެއް ނުވެއެވެ. ހެމިލްޓަން އެންމެފަހުން ހަމަވި އެއްބަސްވުމުގެ ދަށުން އަހަރަކު 30 މިލިއަން ޕައުންޑް ލިބުނެވެ. އަދި ބޯނަސްގެ ގޮތުގައި އިތުރު 10 މިލިއަން ޕައުންޑް ލިބޭގޮތަށް އޮތެވެ.