ފީފާ ކްލަބް ވާރލްޑް ކަޕްގެ ފައިނަލުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ބަޔާން ޖާގަހޯދީ ސެމީ ފައިނަލްގައި މިސްރުގެ އަލް އަހްލީ އާއި ބައްދަލުކުރިމެޗް 2 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްގެންނެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ މި މުބާރާތުގައި ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި ބަޔާންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިގޮތުން މިމެޗްގެ 17 ވަނަ މިނެޓްގައި ރޮބަޓް ލެވަންޑޯސްކީވަނީ ލަނޑެއް ޖަހާ މިމެޗްގައި ބަޔާންއަށް ލީޑު ނަގާދީފައެވެ. މިމެޗްގެ ދެވަނަ ހާފްގައި އަލް އަހްލީވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ބަޔާންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އަދި ކައުންޓަރ އެޓޭކް ތަކުގައި ބަޔާން ހާސްކަމުގެ ތެރެއަށްވެސް ވައްޓާލާފައިވެއެވެ. ނަމަވެސް ލެވަންޑޯސްކީވަނީ މެޗްގެ 85 ވަނަ މިނެޓްގައި ލަނޑެއް ޖަހައި އެޓީމްގެ ލީޑު ފުޅާކޮށްދީފައެވެ.
މި ކާމިޔާބީއާއެކު ފީފާ ކްލަބް ވާރލްޑް ކަޕްގެ ފައިނަލުން ބަޔާންއަށް ޖާގަ ލިބިފައިވާއިރު ފައިނަލްގައި އެޓީމް ބައްދަލުކުރާނީ ކޮންކާކަފް ސަރަހައްދުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މިމުބާރާތުގައި ވާދަކުރާ މެކްސިކޯގެ ތިގްރޭސްއާއެވެ. މި މުބާރާތުގެ ފައިނަލުން ތިގްރޭސް ޖާގަހޯދީ ސެމީފައިނަލްގައި ކޮޕާ ލިބެޓެޑޯރެސްގެ ޗެމްޕިއަން ބްރެޒިލްގެ ޕަލްމެއިރާސް އެއް ލަނޑު ސުންލަނޑުން ބަލިކުރުމަށްފަހުއެވެ. މިއީ ފީފާ ކްލަބް ވާލްޑް ކަޕްގެ ފައިނަލްގައި މެކްސިކޯގެ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހުއެވެ.