ޚަބަރު

ވެކްސިން ޕްރޮގްރާމަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް


ކޯވިޑް-19 ބަލީގައި ރާއްޖެ މިހާރު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެކި އެކި ކަންކަމުގައި އަޅަންވީ ފިޔަވަޅުތަކާއި ކަންކުރަންވީ ގޮތްތައްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކިޔާދެމުންނެވެ. ކޯވިޑް-19 ގެ ދިފާއުގައި ވެކްސިން ޖަހަންފެށިތާ ހަފްތާއެއްވެފައިވާއިރު މިހާތަނަށް 9 ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.

ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ 6 ސެންޓަރަކާއި، އަތޮޅުތަކުގެ 14 ސެންޓަރެއްގައި އަންނަނީ ކުރަމުންނެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ވެކްސިން ޕްރޮގްރާމަށް އާއްމުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުޙީބެއް ލިބެމުންދާކަމަށެވެ.

"ވަރަށް އުފާވެރި ގޮތަކަށް ފެނިގެން މިދިޔައީ ވަރަށް ގިނަ ފަރާތްތަކެއް އެދިލައްވައިގެން ވެކްސިން ޖަހަން ވަޑައިގަންނަވާކަން އަޅުގަނޑުމެން ފާހަގަކުރަން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަދިވެސް ވީހާވެސް ގިނަ ފަރާތްތަކުން ރެޖިސްޓަރ ކުރައްވައިގެން ވެކްސިން ޖަހަން ވަޑައިގަތުން. އެހެންނަމަވެސް ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ރެޖިސްޓަރ ނުކުރައްވާ ފަރާތްތައްވެސް ހަމަ ވެކްސިނޭޝަން ސެންޓަރއަށް ވަޑައިގަތީމަ އަޅުގަނޑުމެން ވެކްސިން ޖެހުމުގެ ކަންކަން ކުރިޔަށް މިގެންދަނީ" އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ރަފީގް ވިދާޅުވިއެވެ.

އެންމެ ގިނަ މީހުން ވެކްސިން ޖެހުމަށްޓަކާ ދާ އެއް ވެކްސިން ސެންޓަރަކީ ސޯޝަލް ސެންޓަރ ކަމުން މިހާރު އެތަނުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކާ ކިއު ސިސްޓަމްއެއް ވަނީ ތައާރަފްކޮށްފައެވެ. ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ތެރެއިން، ސައިޑް އިފެކްޓްސް ފެނިގެން ކޮންމެވެސް ވަރަކަށް ރިޕޯޓްތައް އެ ސެންޓަރަށް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި އަދި ވެކްސިން ޖެހި ތަނަށް ތަދުވުންފަދަ ކަންކަން ހިމެނޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް ވެކްސިން ދިން ފަރާތްތަކުގެ ތެރެއިން، ވެކްސިންގެ ސަބަބުން އިތުރު އުނދަގުލެއްވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ޙާލަތަށް އެއްވެސް ފަރާތެއް ނުދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީން މައުލޫމާތުދެއްވާ ގޮތުގައި ކޯވިޑް-19ގެ ވެކްސިން ކަވަރޭޖް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް އެ ސެންޓަރުން އަންނަނީ ކުރަމުންނެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކާ އެކިއެކި އިންތިޒާމްތަކަށް ބަދަލުގެންނަން ޖެހޭ މިންވަރަކުން ބަދަލުތައްވެސް އަންނަނީ ގެންނަމުންނެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. އެހެންނަމަވެސް އިތުރު ވެކްސިންތައް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން ސިންގަރޕޫރުގެ އެސްޓްރާޒެނެކާއިން ގަނެފަވާ 7 ލައްކަ ޑޯޒުގެ ވެކްސިން ދެމަހެއްހާ ދުވަސްތެރޭ ރާއްޖެއަށް ލިބޭނެކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.