ވިޔަފާރި

ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކުޑަކޮށްފި


ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ 24 އިންސައްތައިން 20 އިންސައްތައަށް ކުޑަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ޔޫރަޕަށް މަސް އެކްސްޕޯޓްކުރާއިރު ޑިއުޓީ ނަގާ މައްސަލައަށްމިސަރުކާރުގެ ދައުރުގެ ތެރޭގައި ހައްލެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ޔޫރަޕްގެ ޤައުމުތަކާއެކު މަޝްވަރާތައް ކުރެވެމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ ރަޝިޔާއަށް ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމަށް މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މަސައްކަތް ނުފެށި އޮތީ މިދިޔަ އަހަރަކީ ބޯޑަރުތައް ބަންދު އަހަރަކަށް ވުމުގެ ސަބަބަުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރަޝީއާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ޓީމެއް ރާއްޖެ އައިސް ރާއްޖޭގައި މަސް ބަންދުކުރާ ފެސިލިޓީތައް ބެލުމަށްފަހު ހުއްދަ ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު 2019 ގައި ރަޝިޔާއަށް ދަތުރެއްކުރިން. އެދަތުރުގައި އެންމެ ބޮޑު މަސައްކަތަކަށް އަޅުގަނޑުކޮށްފައިވާނީ ރާއްޖޭގެ މަސް ރަޝިޔާގެ މާރުކޭޓަށް ގެންދިއުމުގެ މަސައްކަތްކުރުން. މިހާރު އެކަން ވަނީ ފެށިފައު. މިހާރު އެކަން އޮތް ހިސާބަކީ ރަޝިޔާއިން ރާއްޖޭގެ މަސް ބަންދުކުރާ ފެސިލިޓީތައް ބަލައި އެމީހުންގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މީހުން އައިސް މިތަނުގައި ކަންތައްތައް ހުރީ އެމީހުންޤަބޫލުކުރާ ފެންވަރަކަށްތޯ ބެލުމަށްފަހު އެހުއްދަ ލިބޭގޮތަށް. އެކަން ނުހިނގާ މިއޮތީ 2020 އަކީ ބޯޑަރު ބަންދު އަހަރަކަށްވެގެން، ދަތުރެއް ނުކުރެވުނު" ޝާހިދު ވިދާޅުވިއެވެ.

އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމަކުގެ ލިސްޓަށް ރާއްޖެ އެރުމުގެ ސަބަބުން، ރާއްޖެއިން ޔޫރަޕުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ލިބެމުން އައި ޑިއުޓީގެ ޢިނާޔަތްވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ކަނޑާލާފައެވެ. އޭގެސަބަބުން ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ލިބެމުންދިޔަ މަންފާ ވަރަށްބޮޑަށް ދަށްވެފައިވެއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓްކުރުމަށް މިހާރު ލުޔެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އިނގިރޭސި ޚާރިޖީ އޮފީހުގެ ވަޒީރު، ލޯޑް އަހްމަދާއި ކުރެވުނު މަޝްވަރާތަކުން، އެޤައުމަށް މަސް އެކްސްޕޯޓްކުރުމުގައި މިހާރު ނަގަމުން އަންނަ 24 ޕަސެންޓްގެ ޑިއުޓީ 20 ޕަސެންޓަށް ދަށްކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ވިދާޅުވީ، މިސަރުކާރުން އެންމެ މާރކެޓަކަށް ބަލަހައްޓައިގެން ނުތިއްބަވާނެކަމަށެވެ. އެގޮތުން މަސް އެކްސްޕޯޓްކުރުމަށް އިތުރު މާކެޓްތައް ބަލަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސް އެކްސްޕޯޓްކުރާނަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސްވެރިންނަސް މާރުކޭޓް ހޯދައިދޭނަން. މަސްވެރިންނަށް އަޅުގަނޑު ދަންނަވާނީ މިސަރުކާރަކީ އެއްދިމާލަކަށް ބަލަހައްޓައިގެން އެކަނި ކަންތައްތައް ހައްލުކުރަން ތިބޭނެ ބައެއް ނޫނޭ. އަޅުގަނޑުމެން އެބަބަލަން އެހެން މާކެޓްތައް. އިންޑިއާ، ޗައިނާ، ޤަލްފުގެ ޤައުމުތައް. މިހުރިހާ ދިމާލަކަށްވެސް" ޝާހިދު ވިދާޅުވިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ މަސް އެކްސްޕޯޓް ކުރަނީ ޖަރުމަން ވިލާތަށާއި، އިނގިރޭސިވިލާތާއި ފަރެންސޭސި ވިލާތަށެވެ. ރާއްޖޭގެ އެކްސްޕޯޓުގެ ދާއިރާގެ އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މަހުގެ ބާވަތްތަކުންނެވެ.