ޚަބަރު

ރިލްވާންގެ މަރު: ވަޅީގެ މައުލޫމާތު ދޭ ފަރާތަކަށް 5 ލައްކަ ރުފިޔާ!


ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު ރޭ އޭނާ ދިރިއުޅުނު ގެ ކައިރިން ފެނުނު ކަމަށް ބުނާ ވަޅީގެ ފޮޓޯ ޢާންމުކޮށް، އެ ވަޅިއާ ބެހޭ މަޢުލޫމާތެއް އެނގޭނަމަ މަރާލާފައިވާ މީހުންނާއި ގެއްލުވާލަފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާ ހިއްސާކުރުމަށް އެދިވަޑައިގެންފިއެވެ.

ވަޅީގެ ފޮޓޯއާއެކު މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޢާންމުކުރެއްވި ބަޔާނުގައި ވަނީ އެ ވަޅިއަކީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، މ.ޝައިނިންގ ސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓު ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއްކަމަށެވެ. އެވަޅިއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެ މައުލޫމާތެއް އެ ކޮމިޝަނާ ހިއްސާކޮށްދެއްވުން އެކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

ވަޅިއާ ގުޅޭ ގޮތުން ނުވަތަ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ އަޙުމަދު ރިޝްވާން ޢަބްދުﷲ ގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެކަމަށްވެސް އެކޮމިޝަންގެ ބަޔާނުގައިވެއެވެ. އަދި، އެ މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް އަރުވާކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވެއެވެ.

މިކަމާ ގުޅޭ މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތްތަކުން، އެ ކޮމިޝަނަށް ހާޟިރުވެ ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ހިއްސާކުރެއްވޭނެކަމަށާއި، އެ ނަންބަރަށް ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މަޢުލޫމާތު ހިއްސާކުރެވޭ ގޮތަށް ހަމަޖެހިފައިވާކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ހާމަކުރައްވައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންނުން ހާމަކުރައްވަފައިވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ ޢާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. ހުރަސްތަކާއި ދަތިތަކާއެކުވެސް ރިޟްވާނުގެ މައްސަލައަށް އިންސާފު ހޯދުމަށް ކުރެވެންހުރި ހުރިހާކަމެއް ހުއްޓާނުލައި ސަރުކާރުން ކުރިއަށްގެންދާނެކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް 17 ނޮވެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ކޮމިޝަނުން ވަނީ ރިޟުވާނު ގެއްލުވާލި މައްސަލައިގެ ތަހުޤީޤާއި ގުޅޭ ރިޕޯޓެއްވެސް ރައީސުލްޖުމުހޫރިއްޔާއަށް އަރުވާފައެވެ. މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤުން ނޫސްވެރިއާ އަޙްމަދު ރިޟްވާން މަރާލާފައިވާކަން އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.

ރިޟުވާނު ޢަބްދުﷲ ގެއްލުވާލި މައްސަލަ އާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކަށް އެކަން ހިއްސާކުރުމަށް ފުރުޞަތު އެބައޮތްކަމަށްވެސް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ފަހުން ވަނީ ވިދާޅުވެފައެވެ.