ވިޔަފާރި

މިދިޔަ 2 އަހަރުތެރޭގައި 8.7 ބިލިއަން ރުފިޔާގެ މަޝްރޫޢު ވަނީ އެވޯޑުކުރެވިފައި: އަމީރު


މި ސަރުކާރުގެ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 8.7 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގުމަށް އެކި ފަރާތްތަކާއި ހަވާލުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭ އިތުރު މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ކުރިޔަށްގެންދިޔަ ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އިޤްތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އެހެންނަމަވެސް އިޤްތިސާދުގައި ސަރުކާރުގެ ރޯލް ވީހާވެސް ބޮޑުކޮށް އިޤްތިސާދު ދަށަށް ދިޔަ ނުދީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ 2019 ވަނަ އަހަރު 193 މަޝްރޫޢެއްގެ މަސައްކަތް ޓެންޑަރ ބޯޑު މެދުވެރިކޮށް، އެވޯޑްކޮށްފައިވާ ކަމަށާއި، މިއީ ގާތްގަނޑަށް 5.4 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތުގައިވެސް 2020 ވަނަ އަހަރު 3.3 ބިލިއަން ރުފިޔާގެ މަޝްރޫޢު އެވޯޑުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މި ހުރިހާ މަސައްކަތްތަކަކީ ހަމަ އިޤްތިސާދުގެ ތެރޭގައި ފައިސާ ދައުރުވެ، އަޅުގަނޑުމެންނަށް އިޤްތިސާދީ އިތުރު ހަރަކާތްތަކެއް އުފެދި،ޤައުމީ އުފެއްދުންތެރިކަން އިތުރުވުމަށްޓަކައި އަޅުގަނޑުމެންނަށް އެޅޭނެ ފިޔަވަޅުތަކެއްކަން ފާހަގަކޮށްލަން،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަޝްރޫޢުތައް އެވޯޑްކުރުމުގައި ގެންގުޅޭ ސިޔާސަތުތަކަށްވެސް މިހާރު ބަަދަލުތަކެއް ގެނެސްފައިވާ ކަަމަށެވެ. އެގޮތުން މަޝްރޫޢުތައް ހަވާލުކުރާއިރު، އެއް ބަޔަކަށް ގިނަ ޕްރޮޖެކްޓްތައް ހަވާލުކުރުމުގެ ބަދަލުގައި ވީހާވެސް ގިނަ ކޮންޓްރެކްޓަރުންނަށް ޕްރޮޖެކްޓްތައް ލިބޭނެ ގޮތެއް ހަދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ފުރަތަމަ އަޅުގަނޑުމެން ސަރުކާރާއި ހަވާލުވެގެން މަސައްކަތްތައް ކުރަން ފެށުމުން އަޅުގަނޑުމެންނަށް ފާހަގަވި ވަރަށް ގިނަ ޕްރޮޖެކްޓްސްތަކެއް، މިސާލަކަށް މަލްޓި ޕާރޕަސް ހޯލްފަދަ ތަންތަން އަޅާ އިރު އެއްބަޔަކާއި ހަވާލުކޮށްފައިވާކަން، އަދި މަސައްކަތް އެއްމެ ރަނގަޅު ސްޕީޑުގައި ކުރިއަށް ނުދާކަން، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ވީހާވެސް ގިނަ ކޮންޓްރެކްޓަރުންނަކަށް ޕްރޮޖެކްޓްތައް ލިބިގެން ދިޔުން، " އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަވަހަށް މަޝްރޫޢުތައް ނިންމުގައި، ފެންވަރު ރަނގަޅުގޮތެއްގައި މަޝްރޫޢުތައް ނިންމުމަށް ވެސް ސަރުކާރުން ބާރު އަޅާ ކަމަށެވެ. އަދި މަސައްކަތްތައް ހަވާލުކުރެވޭ ކޮންޓްރެކްޓަރުންނަށް ވީހާވެސް އަވަހަކަށް ބިލްތަކަށް ފައިސާ ދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ނުރަނގަޅު އަސަރުތައްކޮށްފައިވާއިރު، ސަރުކާރުން ދަނީ އިޤްތިސާދު އަލުން ކޮޅަށް ޖަހާ ޤައުމީ އުފެއްދުންތެރިކަން އިތުރުކުރަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.