ޚަބަރު

މެލޭޝިއާއާއި އިނގިރޭސިވިލާތުގައި ވޯޓު ފޮށި ނުބެހެއްޓޭނެ: ޝަރީފް


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއާލަ ލަންޕޫރުގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވަނީ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތާއި މެލޭޝިއާގައި ވޯޓު ފޮށި ބެހެއްޓުމުގެ ހުއްދަ ނުލިބޭކަން ޔަޤީންވެފައިވާކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މެލޭޝިއާއާއި، އިނގިރޭސިވިލާތުގަ ކޯވިޑް-19 ފެތުރުން މަޑު ޖެހެމުން ދާތަނެއް އަދި ނުފެނެއެވެ. އިނގިރޭސިވިލާތުގައިި ކޯވިޑްގެ އައު ވޭރިއަންޓް ފެނުމާއި ގުޅިގެން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބެހެއްޓިދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ގޮންޖެހުންތައް ހުރުމުން، އިންތިޚާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މި ހަފްތާގައި ހުށައަޅުއްވާނެކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުން ވަކިގޮތެއް ނިންމުމާއި ހަމައަށް އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ބަޖެޓުގެ ދަތިކަން ހުރިކަންވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ.