ޚަބަރު

ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އިތުރު ފަރާތަކަށް ދޫކޮށްފި


ރާއްޖޭގައި ޓީވީ މެދުވެރިކޮށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް "ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް"އަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފިއެވެ.

"މޯލްޑިވްސް ބިޒްނަސް ނެޓްވާރކް"ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މިޗެނަލްއަށް ހުއްދަ ދީފައިވަނީ މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމަށެވެ. މި ލައިސަންސްގެ މުއްދަތު ހަމަވާނީ 2031 ވަނަ އަހަރަށެވެ.

މި ޗެނަލްގެ މައިގަނޑު މަގްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމާއި އާއްމު ރައްޔިތުންގެ އިޤްތިސާދީ އަދި މާލީ ހޭލުންތެރިކަން އިތުރުކުރުން ކަމށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން،ބީސީސީން މަޢުލޫމާތުދެއެވެ. އެހެންކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މައުލޫމާތުތަކާއި، ވިޔަފާރީގެ ނަފާ އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިކުރުމަށް ބޭނުންވާ ފަންނީ އިރުޝާދާއި މައުލޫމާތު މި ޗެނަލް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށްވެސް ބީސީސީން މަޢުލޫމާތުދެއެވެ.

ދިވެހިރާއްޖޭގެ އިޤްތިސާދާއި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ފަށާ މި ޗެނަލްއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ވިޔަފާރިއާއި ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތަކާއި، މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ވިޔަފާރިއާއި ޓެކްނޮލޮޖީ، ވިޔަފާރިއާއި ކުޅިވަރު، އަދި ވިޔަފާރިއާއި ގުޅުންހުރި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށްވެސް ބީސީސީން މަޢުލޫމާތުދެއެވެ.. މީގެ އިތުރުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް އެންމެ ފުރަތަމަ އަޅާ ބިންގަލެއްގެ ގޮތުން ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެންވެސް ވިޔަފާރިއާއި ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތައް ގެނެސްދޭނެ ކަމަށްވެސް ބީސީސީން މަޢުލޫމާތުދެއެވެ.

އާއްމު ރައްޔިތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ފަށާ މި ޗެނަލްގެ ސަބަބުން މި ފަރާތްތަކަށް މާލީގޮތުންނާއި އިޤްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ގެ ބޯޑު މެމްބަރުންނަކީ މ. ލިއުޒީނިޔާ އަޙްމަދު އިފްތިޚާރާއި، މއ. ނޫރީ ލަމްޔާ އިބްރާހިމާއި، ސ.ފޭދޫ ސައްކެޔޮގެ ފާތިމަތު ފަޒްލީނާ ފާކިރުއާއި، މ. ސަންބީލް އާދިލް އިސްމާއީލެވެ.

ބްރޯޑްކޮމްގެ ވެބްސައިޓްގައިވާ ގޮތުން ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމަށް 6 ޓިވީ ޗެނަލަކާއި 11 ރޭޑިއޯ ޗެނަލަކަށްވަނީ ލައިސަންސް ދޫކޮށްފައެވެ.