ދުނިޔޭގެ ވިޔަފާރި

އާމްދަނީގެ ގޮތުގައި އަހަރަކު 60000 ޑޮލަރު ލިބޭ މީހުންނަށް ޗެކު ދޫކުރަންޖެހޭ: ޔެލެން


އެމެރިކާގެ ރައްޔިތުންގެ ތެރެއިން އާމްދަނީގެ ގޮތުގައި އަހަރަކު 60000 އެމެރިކާ ޑޮލަރު ލިބޭ މީހުންނަށް ރައީސް ބައިޑަން ހުށަހަޅުއްވާފައިވާ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ފައިސާގެ އެހީތެރިކަން ލިބެންޖެހޭނެކަމަށް ޓްރެޜަރީ ސެކެޓްރީ ޖެނެޓް ޔެލެން ވިދާޅުވެއްޖެއެވެ.

ބައިޑަން ހުށަހަޅުއްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ޕެކޭޖުގެ ދަށުން ވަކި ޢަދަދަކަށްވުރެ ދަށް އާމްދަނީއެއް ލިބޭ ފަރާތްތަކަށް 1400 އެމެރިކާ ޑޮލަރުގެ ޗެކު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދޫކޮށްފައިވާ 600 އެމެރިކާ ޑޮލަރުގެ ޗެކުތަކުގެ އިތުރުންނެވެ. އޭގެ އިތުރުން ވަޒީފާ ނެތް މީހުންނަށް ހަފްތާއަކު އެއްފަހަރު ދެމުންދާ 300 އެމެރިކާ ޑޮލަރުގެ އިންޝުއަރެންސް 400 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މާރިޗު މަހުގައި މުއްދަތު ހަމަވާ އެ އިންޝުއަރަންސް ފައިސާ ސެޕްޓެމްބަރު މަހާއިހަމައަށް ދޫކުރުމަށްވެސް ބައިޑަންވަނީ ހުށަހަޅުއްވާފައެވެ.

ރިޔާސީ އިދާރާ ވައިޓު ހައުސްއިން ވަނީ ޕެކޭޖުގެ ދަށުން ޗެކު ދޫކުރާނީ ކޮން ޝަރުތުތަކެއް ހަމަވާ ފަރާތްތަކެއްކަމާއިމެދު އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރެވިދާނެކަމަށް ބުނެފައެވެ. ނަމަވެސް އެހީތެރިކަން ފޯރުކޮށްދޭނީ ކިހާވަރަކަށްވުރެ ދަށް އާމްދަނީއެއް ލިބޭ މީހުންނަށްކަމާއިމެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ރައްޔިތުންނަށް ޗެކު ދޫކުރުމާއި ގުޅޭގޮތުން ޔެލެން ވިދާޅުވީ ޕެކޭޖުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ ސީދާ ކޮން ބަޔަކަށްކަން އަދި ނިންމާފައިނުވާ ނަމަވެސް ބަލިމަޑުކަމުގެ މި ޙާލަތުގައި އެމެރިކާގެ މެދު ފަންތީގެ ޢާއިލާތަކުންވެސް އެހީތެރިކަމަށް ބޭނުންޖެހިފައިވާކަމަށެވެ.

ޔެލެން ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއިއެކު މަސައްކަތްކުރައްވާ އެންމެ އިންސާފުވެރި ގޮތަކަށް އެހީގެ ޗެކުތައް ދޫކުރުމަށް ރައީސް ބައިޑަން މަސައްކަތްކުރައްވާނެކަމަށެވެ. އަދި އާމްދަނީގެ ގޮތުގައި އަހަރަކު 300،000 އެމެރިކާ ޑޮލަރު ލިބޭ ގޭބިސީތަކަށް އެ ޗެކުތައް ދޫކުރައްވަން ބައިޑަން ބޭނުންވެވަޑައި ނުގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.

ބައިޑަން ހުށަހަޅުއްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ރުހުން ދީފިނަމަ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ވަޒީފާތަކަށް މީހުންނަށް އަލުން ނުކުމެވޭނެކަމަށް ޔެލެން ވިދާޅުވިއެވެ. ނަމަވެސް އެ ޕެކޭޖުގައި ހުށަހަޅާފައިވާ ގޮތަށް ޢަމަލު ނުކޮށްފިނަމަ އެތައް އަހަރެއް ވަންދެން ވަޒީފާއެއް ނެތި ގިނަ ޢަދަދެއްގެ މީހުން ތިބެން ޖެހޭނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޤާނޫނުހަދާ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރިޕަބްލިކަނުން ވަނީ ބައިޑަން ހުށަހަޅުއްވާފައިވާ ޕެކޭޖާއިމެދު ނުރުހުން ފާޅުކޮށްފައެވެ. އެ ޕެކޭޖުގެ ސަބަބުން އެމެރިކާގެ ދަރަނި އިތުރުވާނެކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުންވަނީ ޙިއްޞާކޮށްފައެވެ. އަދި އެ ޕެކޭޖުގެ ބަދަލުގައި އެއަށްވުރެ ކުޑަ ޕެކޭޖެއްވެސް ރިޕަބްލިކަނުންގެ ފަރާތުންވަނީ ހުށަހަޅާފައެވެ.

ބައިޑަން ވަނީ އެމަނިކުފާނު ހުށަހަޅުއްވާފައިވާ ޕެކޭޖަށް ދެ ފަރާތުގެ އެއްބާރުލުން ހޯއްދަވަން ބޭނުންވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ރިޕަބްލިކަނުންގެ ފަރާތުން މި ޙާލަތުގައި އެދެވޭ މިންވަރަށް މަސައްކަތް ނުކުރާކަމަށް ރައީސް ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި ރިޕަބްލިކަނުންގެ އެއްބާރުލުން ނުލިބޭނަމަ ހަމައެކަނި ޑިމޮކްރަޓުންގެ ތާއީދާއިއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ބައިޑަންއާއި ޔެލެންގެ އިތުރުން ސަރުކާރުގެ އެހެން އިސް އޮފިޝަލުންވެސް ވަނީ ރައްޔިތުންނަށް އެހީތެރިވުމުގައި ވަގުތުން ވަގުތަށް އެދެވޭ ފިޔަވަޅެއް ނޭޅިއްޖެނަމަ ޤައުމުގެ އިޤްތިޞާދަށް ލިބޭ ގެއްލުން މާ ބޮޑުވާނެކަމުގެ އިންޒާރު ދެއްވާފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން އަދި ތިރިގެއިންވަނީ ބައިޑަންގެ ޕެކޭޖާއިގުޅޭ ބަޖެޓު ޕްލޭނަކަށް ރުހުން ދީފައެވެ. އާދައިގެ މަތިން ޤާނޫނެއް ފާސްކުރުމަށް ބޭނުންވަނީ މަތިގޭގެ މެންބަރުންގެ ތެރެއިން 60 މެންބަރުންގެ ވޯޓެވެ. ނަމަވެސް މަޖިލީހުން ފާސްކުރި ބަޖެޓު ޕްލޭންގެ ސަބަބުން ސެނެޓުގައި ތިއްބަވާ 100 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ އަޣުލަބިއްޔަތާއިއެކު އެ ޕެކޭޖު ފާސްކުރުމަށްވަނީ މަގުފަހިވެފައެވެ. މިވަގުތު ޑިމޮކްރަޓުންނާއި ރިޕަބްލިކަނުންނާއި ދެމެދު މަތިގޭގެ ގޮނޑިތައް ބެހިފައިވަނީ ހަމަހަމައަށެވެ. ނަމަވެސް ޑިމޮކްރަޓުންނަށް ބޭނުންވާ 51 ވޯޓު ދެއްވާނީ އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސްއެވެ.