ކުޅިވަރު

އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ސިޓީއިން ލީޑު ފުޅާކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި އެޓީމަށް ލިބިފައިވާ ލީޑު ފުޅާކޮށްފިއެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 4 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކިއެވެ. އަދި ލަނޑު ޖަހާނެ ފުރުސަތުވެސް ތަނަވަސް ކުރިއެވެ. މިހާފްގައި ލިވަޕޫލުންވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. މިގޮތުން ރޮބާޓޯ ފިރްމީނޯ ފޮނުވާލި ހަމަލާވަނީ ސިޓީގެ ކީޕަރ އެޑަރސަން ދިފާއުކޮށްފައެވެ. މިމެޗްގެ 37 ވަނަ މިނެޓްގައި ސިޓީއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ އިލްކާއި ގުންޑޮގާން ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މިމެޗްގައި ސިޓީއިން ޖެހި ފުރަތަމަ ލަނޑު ދެވަނަ ހާފް ފެށިތާ 4 ވަނަ މިނެޓްގައި ޖަހައިދިނީ ގުންޑޮގާންއެވެ. ނަމަވެސް ލިވަޕޫލުންވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ސިޓީއަށް ނުރައްކާ ކޮށްފައެވެ. އަދި މެޗްގެ 63 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލުންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާއެވެ. މި ޕެނަލްޓީއަކީ ސިޓީއާ މިސީޒަންގައި އަލަށް ގުޅުނު ރުބެން ޑިއޭޒް ސަލާއަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. މިމެޗްގައި ސިޓީއިން ދެވަނަ ފަހަރަށް ލީޑު ނެގީ ލިވަޕޫލްގެ ކީޕަރ އެލިސަން ބެކަރއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މިމެޗްގައި މޮޅު ކުޅުމެއް ދެއްކި ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުންޑޮގާންއެވެ. މިއީ ލީގުގައި އޭނާ މިފަހަރު ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓްފަހުން އެލިސަންއަށް އަނެއްކާވެސް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސިޓީއިން އެޓީމްގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބެނާޑޯ ސިލްވަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޭގެ މެޗްގައި ސިޓީގެ ކެޕްޓަންކަން ކުރަމުންދިޔަ ރަހީމް ސްޓަރލިންގއެވެ. މިއީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުގައި އޭނާ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. އަދި މިއާއެކު ސްޓަރލިންގ ވަނީ ގާޑިއޯލާގެ ކޯޗުކަމުގެ ދަށުގައި 100 ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާއަށް ވެފައެވެ. އަނެއް ދެ ކުޅުންތެރިންނަކީ ލިއޮނެލް މެސީ 211 ލަނޑު އަދި ސަރޖިއޯ އަގުއެރޯ 120 ލަނޑެވެ. އަދި ސިޓީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އެޓީމްގައި އަރަމުން އަންނަ ތަރި ފޯޑެންއެވެ.

މިކާމިޔާބީއާއެކު ސިޓީ މިވަނީ 2003 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެންފީލްޑްގައި ލިވަޕޫލާއި ދެކޮޅަށް ކުޅެ މެޗަކުން މޮޅުވެފައެވެ. އަދި މިއީ ގާޑިއޯލާއަށްވެސް އެންފީލްޑްގައި ލިޕަޕޫލްގެ މައްޗަށް ކުރިހޯދުނު ފުރަތަމަ ފަހަރެވެ. އަދި ސިޓީއިން މިވަނީ ޖެހިޖެހިގެން 14 މެޗުން މޮޅުވެ އެންމެ ގިނަ މެޗުން ޖެހިޖެހިގެން މޮޅުވުމުގެ ރިކޯޑާހަމަހަމަކޮށްފައެވެ. މީގެކުރިން ޖެހިޖެހިގެން 14 މެޗުން މޮޅުވެފައިވަނީ 1892 ވަނަ އަހަރު ޕްރެސްޓަން އާއި 1987 ވަނަ އަހަރު އާސެނަލްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މިމެޗްގައި އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި ދެވަނަ ހާފްގައި ބައިކޮޅަށް ލަނޑެއް ވަނުމުން އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަކީ މިމެޗްގައި ތަފާތަކަށް ވީ ކަންތައްތައް ކަމަށެވެ. މިއީ ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާއި ނަމަވެސް އަދި މިއީ ފެބްރުއަރީކަމުން ގިނަ މެޗްތަކެއް ބާކީ އެބައޮތްކަމަށް ގާޑިއޯލާ ބުންޏެވެ.

މެޗާބެހޭގޮތުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ، މެޗްގައި އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ނަމަވެސް ފަހަތުގައި ގޯސްތަކެއް ހެދުނީ ކަމަށެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ 22 މެޗުން 50 ޕޮއިންޓް ލިބި ޕޮއިންޓް ތާވަލްގައި 5 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ދެވަނައިގައި އުޅޭ މެންޗެސްޓަރ ޔުނައިޓެޑް އެއްމެޗް އިތުރަށް ކުޅެ ލިބިފައިވަނީ 45 ޕޮއިންޓެވެ. އެހެންކަމުން ސިޓީއަށް މިލީޑު އިތުރަށް ފުޅަކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އުޅެނީ ކުޅުނު 23 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. މިއީ 1956 ވަނަ އަހަރަށްފަހު އެންމެފަހުގެ ޗެމްޕިއަން ޓީމް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.