ދީން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާކޮށްދޭނެ ފަރާތެއް ހޯދަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު އެ މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅޭނެކަމަށެވެ. އަދި މި ކަމާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމަށް ރަޖިސްޓަރ ކުރާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވާނެކަމަށެވެ.

މިކަމާގުޅިގެން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 14 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 11 ފެބްރުއަރީ 2021 ވަނަ ދުވަހުގެ މެންދުރު 2 ގެ ކުރިން އިސްލާމިކް މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރު 1 ޖަހާއިރުކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިމިސްކިތަކީ 600 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ވަނީ މީހުން އާބާދުވާން ފަށާފައެވެ. އަދި އެ ސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.