ތަރައްްޤީ

ހުޅުމާލޭ ޞަލާޙުއްދީން ސްކޫލުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރުމަށް ހަމެޖިފައިވާ ސްކޫލުގެ މަސައްކަތްކުރުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ޑިރެކްޓަރ މުޙައްމަދު އިރްފާނެވެ. މިއީ 1000 އާއި 1200 އާއި ދެމެދުގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 6 ފަންގިފިލާއަށް އިމާރާތްކުރާ މި ސްކޫލު ޚާއްސަކޮށްފައިވަނީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ހަނދާނަށެވެ. އެގޮތުން އެ ސްކޫލަށް ދީފައިވަނީ "ޞަލާޙުއްދީން ސްކޫލު" މި ނަމެވެ. ޙުސައިން ޞަލާޙުއްދީނަކީ ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަދި އެންމެ ޚިދުމަތްތެރި އެއް އަދީބެވެ.

ޞަލާޙުއްދީން ސްކޫލުގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ތެރެއިން މި މަޝްރޫޢަށް ގާތްގަނޑަކަށް 118 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އުއްމީދަކީ 2022 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުންކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ސްކޫލެއް އިމާރާތްކުރުމަށް ނިންމާފައިވާއިރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިހާރުވެސް ސަރުކާރުން 3 ސްކޫލެއްގައި އަންނަނީ ދަރިވަރުންނަށް ކިޔަވައިދެމުންނެވެ. އެއީ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލާއި ހުރަވީ ސްކޫލެވެ.