ޚަބަރު

އިންތިޚާބާއިމެދު މިހަފްތާގައި ގޮތެއް ނިންމަނީ، އެއްވެސް ނުފޫޒެއް ނެތް: އިލެކްޝަންސް


އެޗްޕީއޭއިން މިހާރު އާންމުކޮށްފައިވާ ގައިޑްލައިނުގެ ދަށުން އިންތިޚާބު ބޭއްވުމާއިމެދު މިހަފްތާގައި ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު މިހެން ވިދާޅުވިއިރު އިންތިޚާބު އަންނަ އޭޕްރީލްމަހުގެ 10ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ކުރިން ނިންމަވާފައެވެ. ނަމަވެސް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައެޅި ގައިޑްލައިންގައި ޤާނޫނީ ގިނަ ހުރަސްތަކެއް ހުރުމުން އެކަން މަޖިލީހަށް ހިއްސާ ކުރުމަށްވެސް އެކޮމިޝަނުންވަނީ ނިންމަވާފައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިންތިޚާބު ބޭއްވުމަށް އެކުލަވާލާފައިވާ ގައިޑްލައިނާއިމެދު އެކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާ ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބޭއްވުމަށްވެސް އަދި އިންތިޚާބު ފަސްކުރުމަށްވެސް އިލެކްޝަންސް ކޮމިޝަންގައި ހިމެނޭ މެންބަރުންގެ އެއްވެސް މަސްލަހަތެއް ނެތްކަމަށެވެ. އަދި އިންތިޚާބާއިމެދު ގޮތެއް ނިންމެވުމަށް ސަރުކާރުގެވެސް އަދި އެނޫން އިދާރާއެއްގެވެސް އެއްވެސް ނުފޫޒެއްނެތްކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބުގެ މަސައްކަތް މިހާރު ކުރިއަށްގެންދާއިރު މިމަހުގެ 11 ވަނަ ދުވަހަށް ނަން އަނބުރާ ނެގުމުގެ ފުރުސަތު ހަމަވާނެކަމަށެވެ. އެއާއިއެކު އިންތޚާބުގައި ނަން ނަގާ ކެންޑިޑޭޓުންގެ އަދަދު މަތިވެ، މިހާރު ދުވަލަކަށް 20 އާއި 25 އާއި ދޭތެރޭގެ އަދަދަކަށް ކެންޑިޑޭޓުން ނަން ނަގަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އިންތިޚާބު ބޭއްވުމުގެ މަސައްކަތް މިހާރު ކުރާއިރު ރީރަޖިސްޓްރޭޝަނަށް އަންނަ މަހުގެ 2 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ.

މިބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުންވަނީ އިންތިޚާބާއި ގުޅޭގޮތުން މީގެކުރިންވެސް ފާޅު ކުރެއްވި ކަންބޮޑުވުން ތަކުރާރު ކުރައްވާފައެވެ. އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބުގައި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބުމާއި، ބަޖެޓަށް އަންނަ ބޮޑު ބުރައަކީވެސް ކަންބޮޑުވާކަމެއްކަމަށެވެ. ޕީޕީއެމްގެ ފަރާތުން ތޮލާތު ވެސް ވަނީ މިކަންބޮޑުވުންތައް ފާޅުކޮށްފައެވެ. ސިޔާސީ ޕާޓީތަކުންވެސް ވަނީ އިންތިޚާބާއިމެދު އިލެކްޝަންސް ކޮމިޝަނުން އަވަސް ނިންމުމެއް ނިންމުމަށް އެދިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީގައި އެކޮމިޝަނުންވަނީ ގައިޑްލަންގައި ހުރި ކަންބޮޑުވުންތަކުގެ ތެރެއިން އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް ފާޅުކޮށްފައެވެ. އެގޮތުން ޕޮޒިޓިވްވެފައިވާ މީހުންނާއި، ކަރަންޓީންގައި ތިބޭމީހުންނަށް ވޯޓުލުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ޖެހޭކަމަށް ކަނޑައަޅާފައިވުމާއި، އޮބްޒާވަރުންނާއި، މޮނީޓަރުންނަށް ވޯޓުލާ މަރުކަޒުގައި ތިބުމުގެ ޖާގަ ނުލިބުމާއި، ކެމްޕެއިން ކުރުމުގެ ޖާގަ ނުލިބުމުގެ އިތުރުން ބަޖެޓް ބޮޑުވުމަކީވެސް އޮތް ކަންބޮޑުވުމެއްކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.