ޚަބަރު

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުން ރެކޯޑް އަދަދަކަށް މައްޗަށް


ރާއްޖޭގައި ކޯވިޑް-19އިގެ ހާލަތު ބަދަލުވަމުން އަންނަ ގޮތްތަކަށް ބަލާ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކަން ކުރަންވީ ގޮތުގެ އިރުޝާދު ރައްޔިތުންނަށް ދެމުންނެވެ. އެހެންނަމަވެސް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންވަނީ އިތުރުވެފައެވެ. އަދި މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މިވަނީ ކުރިން މިބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވްވި ދުވަސްވަރުވެސް އިތުރު ނުވާ މިންވަރަށް އިތުރުވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 200 އިން މައްޗަށް މިވަނީ އަރާފައެވެ. އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އިތުރުވުމަކީ ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވާ ކަމުގެ ހެއްކެކެވެ. ކޯވިޑް ތިންވަނަ ރާޅުއަރާ ރާއްޖޭގައި މިބަލީގެ ކޭސްތައް ގިނަވާން ފަށާފައިވާއިރު ކަމާބެހޭ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި މީހުން އެޑްމިޓްކުރަންޖެހޭ މިންވަރު އިތުރުވުމެވެ. ސަބަބަކީ އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ފަރުވާ ދޭނެ ތަމްރީނުހުރި މީހުން ނެތުމެވެ.

“ބެޑްސް އިތުރުކުރެވިދާނެ ފެސިލިޓީސްތައް ޤާއިމްކުރެވިދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެ އޮޕަރޭޓްކުރާނެ ޓްރެއިންޑް މީހުން ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ހުރިހާ ޤައުމެއްވެސް މިއުޅެނީ އެއްހާލަތެއްގަ. ޝޯޓް ނޯޓިސްގަ އަޅުގަނޑުމެންނަކަށް މީހުންނެއް ނުގެނެވޭނެ. އަޅުގަނޑުމެން މި ކޯވިޑް ތެރޭގައި އިތުރު މެން ޕަވާ ގެނެސްގެން ހިއުމަން ރިސޯސަސް އިތުރުކޮށްފިން." އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.

ކޯވިޑް-19 އަށް އޮތް ހަމައެކަނި ހައްލު ކަމަށްވާ ވެކްސިން ދޭންވެސް ރާއްޖޭގައި މިވަނީ ފަށާފައެވެ. ވެކްސިން ފުރިހަމަވަނީ ފުރަތަމަ ޑޯޒް ދޭތާ 4 ހަފްތާފަހުން އޭގެ ދެވަނަ ޑޯޒް ޖެހުމުންނެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއްވެސް ހާލެއްގައި ދޫކޮށްލެވޭކަށް ނެތެވެ.

"މިހާރު މިހިރި ހާލަތުންވެސް ކޭސަސް އިތުރުވެއްޖެއްޔާ ކޯވިޑް ފެސިލިޓީ އިތުރަށް ހެދިޔަސް އަޅުގަނޑުމެންގެ ހިއުމަން ރިސޯސްއެއް ނުހުންނާނެ އެތަންތަން ހިންގާކަށް. އެހެންވީމަ އަޅުގަނޑުމެން މިޖެހެނީ ހޮސްޕިޓަލްތަކުގައި އާއްމުކޮށް ދެމުންގެންދާ ބައެއް ޚިދުމަތްތައް ހުއްޓާލާފަ އެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ކޯވިޑްގެ މީހުންނަށް ފަރުވާދޭން ބަދަލުކުރަންވެސް." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާދޭނެ ފަރާތްތައް މަދުކަން ފާހަގަކުރައްވާ ކަމާބެހޭ އިދާރާތަކުން އައީ މީގެ ކުރިންވެސް އާއްމުންނަށް އެކަން ހަނދާންކޮށްދެމުންނެވެ. މިހާރު ވެކްސިންގެ ކަންކަން ފެށުމާއިއެކު އެކަމަށްވެސް ނުކުންނަން ތިބީ ހަމަ ތަމްރީނުކޮށްފައިތިބި މަދު ސިއްޚީ ހިދުމަތްތެރިންތަކެކެވެ. އެހެންކަމުން އެއީވެސް ކޯވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދޭ މީހުން މަދުވުމަށް ދިމާވާނެ ސަބަބެކެވެ.

ކޯވިޑް-19 ގެ ހާލަތުގައި މިހާރު ރާއްޖެ މިއޮތް ހިސާބުން އެންމެ މުހިންމު ކަމަކީ އަވަހަށް ވެކްސިން ޖެހުމެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއި އެއްގޮތައް އަޅަމުން ގެންދިއުމެވެ. މާސްކް އެޅުމާއި، ގިނަ ގިނައިން އަތް ދޮވުމާއި، ގައިދުރުކަން ދެމެހެއްޓުމުގައި އިތުރަށް ސަމާލުވާންޖެހެއެވެ. ފަރުވާކުޑަކުރެވިއްޖެ ނަމަ ކައިރި އެހެން ޤައުމުތަކުން ކުރިމަތިލާފައިވާ ހިތާމަވެރި ކަންކަމާއި ކުރިމަތި ލާންޖެހުމަކީ ދުރުގައިވާ ކަމެއް ނޫންކަން ހަނދާންކުރަންޖެހެއެވެ.