ވިޔަފާރި

އެސް.އީ.ޒެޑް އިންވެސްޓްމަންޓް ބޯޑުގެ ޗެއާރއަކަށް މިނިސްޓަރ ސައީދު


ސްޕެޝަލް އިކޮނޯމިކް ޒޯން، އެސް.އީ.ޒެޑް ޤާނޫނުގެ ދަށުން އުފައްދާފައިވާ އިންވެސްޓްމަންޓް ބޯޑްގެ ޗެއަރމަނަކަށް އިކޮނޯމިކް މިނިސްޓަރ މުހައްމަދު ސައީދު ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒް އަލީ ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. މީގެ ކުރިން މި މަޤާމް އަދާކުރައްވާފައިވަނީ ނައިބު ރައީސް އަހުމަދު އަދީބެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާގެ ތުހުމަތުގައި ނައިބު ރައީސް އަހްމަދު އަދީބު ފުލުހުން ހައްޔަރުކޮށްފައިވާތީ، އެމަނިކުފާނު ބައެއް ޒިންމާތަކުން ދުރުކުރައްވާފައިވާކަން ރައީސް ޔާމިން ވަނީ އިއްޔެ ހާމަކުރައްވާފައެވެ. އެގޮތުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ކޯ-ޗެއަރކަމުގެ މަޤާމުންނާއި، އެސް.އީ.ޒެޑް އިންވެސްޓްމަންޓް ބޯޑްގެ ޗެއަރމަންކަމުން އެމަނިކުފާނު މިހާރު ވަކިކުރައްވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޕީ.އެސް.އެމް ނިއުސްއަށް އިތުރު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަޖުރަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، އެސް.އީ.ޒެޑް އިންވެސްޓްމަންޓް ބޯޑްގެ ޗެއަރމަނަކަށް އިކޮނޮމިކް މިނިސްޓަރ ހަމަޖެއްސެވުމުގެ އިތުރުން، އެ ބޯޑުގެ މެމްބަރުކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ރައީސް ހަމަޖައްސަވާފައިވާކަމަށެވެ. ކުރިން އެމަޤާމް އަދާކުރައްވާފައިވަނީ ކުރީގެ ޔޫތް މިނިސްޓަރ މަލީޚް ޖަމާލެވެ. ނަމަވެސް އެމަނިކުފާނު ޔޫތް މިނިސްޓަރުކަމުން ވަކިކުރެއްވި ހިސާބުން ފެށިގެން އެ މަޤާމް ހުސްވެފައިވާކަމަށާއި، ހައުސިންގ މިނިސްޓަރ ހަމަޖެއްސެވީ އެ ސަބަބަށްޓަކައި ކަމަށް މުއާޒް ވިދާޅުވިއެވެ. އެސް.އީ.ޒެޑް އިންވެސްޓްމަންޓް ބޯޑަކީ އެސް.އީ.ޒެޑް ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަންޖެހޭ ބޯޑެކެވެ.