ކުޅިވަރު

ޤައުމީ ބާސްކެޓް ލީގު ޗެންޕިއަންކަން ޓީރެކްސް ހޯދައިފި


10 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން
ޓީރެކްސް ބާސްކެޓް ބޯލް ކުލަބް ހޯދައިފިއެވެ. ލީގުގެ ޗެންޕިއަންކަން ޓީރެކްސް ބާސްކެޓް
ބޯލް ކުލަބް ހޯދީ އިއްޔެ ހަވީރު ކުޅުނު ލީގު ކަށަވަރުވާ މެޗްގައި ހަރިކޭން
ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 89 ޕޮއިންޓް، 71  ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗާއި ކުރިމަތިލީއިރު،
މިދެޓީމަށް ވަނީ ބާވީސް ޕޮއިންޓް ލިބިފައެވެ.

މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކީ
ޓީރެކްސްގެ އިބްރާހީމް ރަޝްވާންއެވެ. ލީގުގެ އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްފައިވާ
ކުޅުންތެރިއަކީ ހަރިކޭންގެ ބިދޭސީ ކުޅުންތެރިޔާ އެލެކްސެންޑްރާވްއެވެ. އެންމެ މޮޅު
ޑިފެންސިވް ކުޅުންތެރިއަކީ ޔޫއެން ފްރެންޑްސްގެ އަބްދުﷲ އަމްޒަރުއެވެ. އެންމެ މޮޅު
އޮފެންސިވް ކުޅުންތެރިއަކީ ހަރްކޭންގެ ބިދޭސީ ކުޅުންތެރިޔާ އެލެކްސެންޑްރާވްއެވެ. އެންމެ މޮޅު ޕޮއިންޓް ގާޑްއަކީ ދިވެހި ސިފައިންގެ ކުލަބްގެ އުމެއިރު މުހައްމަދުއެވެ. ލީގުގެ
އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލީގް ޗެންޕިއަން ޓީރެކްސްގެ އަހުމަދު
ޒަބީރުއެވެ. ލީގްގެ އެންމެ މޮޅު ކޯޗަކީ ޓީރެކްސްގެ އިބްރާހީމް ނާހިދުއެވެ.



މެޗަށްފަހު ޓީރެކްސްގެ އެސިސްޓަންޓް ކޯޗް އައިމިނަތު
ޝިއުރާ ބުނީ މެޗުން މޮޅުވީ ކޯޗް ބޭނުންވާ ގޮތަށް ހުރިހާ ކުޅުންތެރިން
ކުޅެގެންކަމަށާއި، ނަތީޖާގެ ފަރަގާއި މެދުވެސް ހިތްހަމަ ޖެހޭކަމަށެވެ. އުއްމީދަކީ މި
ކާމިޔާބީއާއިއެކު ކުރިއަށް އޮތް ގައުމީ މުބާރާތްވެސް ކާމިޔާބުކުރުންކަމަށް ޝިއުރާ
ބުންޏެވެ.



ހަރިކޭން ބާސްކެޓްބޯޅަ ކްލަބްގެ އެސިސްޓަންޓް ކޯޗް އަލީ
ޒިހާން ބުނީ މެޗުން ބަލިވީ ލިބުނު ހުސްފުރުސަތުތަކުގެ ބޭނުން
ނުކުރެވުމުންކަމަށާއި، ޓީރެކްސް ކަހަލަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅޭ އިރު ލިބޭ
ޗާންސްތަކުގައި ސްކޯކުރަން ޖެހޭނެކަމަށެވެ. އަދި ޓީރެކްސްއަކީ ބަލިކުރެވޭނެ
ޓީމެއްކަމަށާއި، ކުރިއަށް އޮތް ޤައުމީ މުބާރާތުގެ ފުރަތަމަ މެޗުގައި ޓީރެކްސް
ބަލިކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް އޭނާ ބުންޏެވެ.