ދުނިޔޭގެ ވިޔަފާރި

ބައިޑަންގެ ރިލީފް ޕެކޭޖުގެ ބަޖެޓު ޕްލޭނަށް ރުހުންދީފި


އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ރިލީފް ޕެކޭޖާއި ގުޅޭ ބަޖެޓު އައުޓްލައިނަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ދީފިއެވެ.

ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ބަޖެޓު ޕްލޭނަށް ރުހުން ދިނުމުން، އެ މަޖިލީހުގެ ތިރިގެއިން އެ ޕްލޭނަށް ރުހުން ދީފައިވަނީ 219 – 209 ވޯޓުންނެވެ. ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ ވޯޓު ދެކޮޅަށް އެއްވަރުވުމުން ގޮތެއް ނިންމަވާ އެންމެ ފަހު ވޯޓު ދެއްވާފައިވަނީ އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސްއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާ ނެންސީ ޕެލޯސީ ވިދާޅުވީ ކޯވިޑް-19ގެ މި ޙާލަތުގައި އެމެރިކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު މާރޗު މަހުގެ 15ވަނަ ދުވަހުގެ ކުރިން ފާސްކުރެވޭނެ ކަމަށް ލަފާކުރައްވާކަމަށެވެ. މާރޗު މަހުގެ 15ވަނަ ދުވަހަކީ ކޯވިޑް-19އާއި ގުޅިގެން ވަޒީފާ ނެތް މީހުންނަށްދޭ އިނާޔަތްތައް ދިނުން ނިމުމަކަށް އަންނަދުވަހެވެ. ވައިޓު ހައުސްގައި ބައްދަލުކުރައްވަމުން ބައިޑަން އާއި ޑިމޮކްރެޓުންގެ އެންމެ އިސްވެރިންވަނީ ވީ އެންމެ އަވަހަކަށް ބައިޑަންގެ ރިލީފް ޕެކޭޖު ޤާނޫނުގެ ތެރޭގައި ހިމަނާ، އެމެރިކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާކަމަށް ބުނެފައެވެ.

ރިލީފް ޕެކޭޖަށް ދެކޮޅުހަދަމުންދާ ރިޕަބްލިކަނުންނާއެކު މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ފާހަގަކުރައްވަމުން ރައީސް ބައިޑަން ވިދާޅުވީ ރިޕަބްލިކަނުންނާއިއެކު މަޝްވަރާކުރެވޭނީ ރިލީފް ޕެކޭޖާއިގުޅޭ ކަންކަން ރިޕަބްލިކަނުން ލަސް ނުކުރާނަމަ ކަމަށެވެ. ބައިޑަން ވިދާޅުވީ ބަލިމަޑުކަމުގެ މި ޙާލަތުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާ ދަތި ޙާލުގައި އުޅެމުންދާ އެމެރިކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އާދަޔާއި ޚިލާފަށް ދިގު މަޝްވަރާތައް ކުރަން ޖެހުމާއި ދެމެދު ގޮތެއް އިޚްތިޔާރު ކުރައްވާނަމަ އެމަނިކުފާނު އިޚްތިޔާރުކުރައްވާނީ އެމެރިކާގެ ރައްޔިތުންނަށް އެހީތެރިވުންކަމަށެވެ. އަދި ވަޒީފާ ނެތް މީހުންގެ ތަފާސްހިސާބުތަކާއި ވަޒީފާގެ ބާޒާރާއިގުޅޭ ތަފާސް ހިސާބުތަކުން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަން ހާމަކޮށްދޭކަމަށެވެ.

1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ރިލީފް ޕެކޭޖެއް ބައިޑަން ހުށަހެޅުއްވުމުން ރިޕަބްލިކަނުންވަނީ އޭގެ ބަދަލުގައި 600 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ހުށަހަޅާފައެވެ. ބައިޑަންގެ ބިޔަ ރިލީފް ޕެކޭޖާއިމެދު ރިޕަބްލިކަނުން ނުރުހުން ފާޅުކުރަމުންދާއިރު ބައެއް ޑިމޮކްރެޓުންވެސްވަނީ އެ ޕެކޭޖާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އިޤްތިޞާދީ މުޝީރެއްކަމަށްވާ ލެރީ ސަމާސްވެސް ހިމެނެއެވެ.

ޤާނޫނުހަދާ މަޖިލީހުގައި އިންނަވާ ރިޕަބްލިކަން މެންބަރެއްކަމުގައިވާ މައިކަލް ބާގެސް ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ކަނޑައަޅާފައިވާ ހަތަރު ޓްރިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖުގެ ދަށުން ހުރިހާ ފައިސާއެއް ދޫކޮށް ނިމެންދެން އައު ޕެކޭޖެއް ފާސްނުކޮށް ޤާނޫނުހަދާ މަޖިލީހުން މަޑުކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ފާސްކޮށްފައިވާ ޕެކޭޖުގެ ތެރޭގައި ހިމެނޭ އެއް ޓްރިލިއަން ޑޮލަރު އަދިވެސް ޚަރަދުނުކޮށް އެބަހުރިކަމަށެވެ. އަދި އެހާ އަވަސް އަރުވާލައިގެން އިތުރު ދެ ޓްރިލިއަން ޑޮލަރުގެ ޕެކޭޖެއް ފާސްކުރަންވީ ސަބަބާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ.

ޤާނޫނުހަދާ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ބަޖެޓު ރިސޮލިއުޝަންގެ ދަށުން އާންމުކޮށް ޤާނޫނެއް ފާސްކުރުމަށް ބޭނުންވާ މަތިގޭގެ 100 މެންބަރުންގެ ތެރެއިން 60 މެންބަރުންގެ ވޯޓުގެ ބަދަލުގައި، އެ މަޖިލީހުގެ އަޣުލަބިއްޔަތުން ޕެކޭޖު ފާސްކުރެވޭނެއެވެ. އެހެންކަމުން، އައު ޕެކޭޖު ފާސްކުރުމަށް ސެނެޓުގެ 50 ގޮނޑި ލިބިފައިވާ ޑިމޮކްރަޓުންނަށް ރިޕަބްލިކަނުންގެ ވޯޓު ބޭނުން ނުވުން އެކަށީގެންވެއެވެ.

ރިލީފް ޕެކޭޖާއިގުޅޭ ގޮތުން ސެނެޓުގައި ނެގި ވޯޓުގައި އެންމެ ދަށް އުޖޫރައިގެ މިންވަރު 7.25 އެމެރިކާ ޑޮލަރުން 15 ޑޮލަރަށް އިތުރުކުރުމަށް ބައިޑަން ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް އެ މަޖިލީހުން ވޯޓު ދީފައިވަނީ ދެކޮޅަށެވެ. އަދި ޕެކޭޖުގެ ދަށުން ޝަރުތުހަމަވާ ރައްޔިތުންނަށް 1،400 އެމެރިކާ ޑޮލަރުގެ ޗެކު ދޫކުރުމަށް ބައިޑަން ހުށަހަޅުއްވާފައިވާ ހުށަހެޅުމުގެ ބަދަލުގައި ކުޑަ އުޖޫރައެއް ލިބޭ ފަރާތްތަކަށް އެކަނި އެ ފައިސާ ދޫކުރުމަށް ސެނެޓުންވަނީ ތާޢީދުކޮށްފައެވެ. ވައިޓުހައުސްއިން ބުނީ އެ ހުށަހެޅުމާއިމެދު އެ އިދާރާއިން ވިސްނާނެކަމަށެވެ.