ކުޅިވަރު

އެން.ބީ.އޭ. އޯލް ސްޓަރ ގޭމްއަށް ބައެއް ކުޅުންތެރިންގެ ފާޑުކިޔުން އަމާޒުވެއްޖެ


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވާ އޯލް ސްޓަރ ގޭމް މިފަހަރު ބާއްވަން ނިންމުމާ ގުޅިގެން ބައެއް ކުޅުންތެރިންގެ ފާޑު ކިޔުން އަމާޒުވާން ފަށައިފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ސީޒަން ފެށުނު އިރު ނުބާއްވަން ނިންމި މިމެޗް މިހާރުވަނީ މުބާރާތް އިންތިޒާމް ކުރާ ފަރާތުން އަލުން ބާއްވަން ނިންމާފައެވެ.

މިކަމާގުޅިގެން އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެއް ކުޅުންތެރިޔަކީ އެން.ބީ.އޭ. ގައި މިވަގުތު ކުޅެމުންދާ އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ލެބްރޮން ޖޭމްސްއެވެ. އޭނާ ހާމަކުރިގޮތުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ދުވަސްވަރެއްގައި އޯލް ސްޓަރ ގޭމް ކުޅެން ނިންމުމަކީ މޫނުމަތީ އެތިފަހަރެއް ޖެހުންފަދަ ކަމެއް ކަމެވެ. އޭނާ ހާމަކުރިގޮތުގައި މިފަހަރު ކުޑަ އޮފް ސީޒަނެއް ލިބިފައިވުމުން މިމެޗް ކުރިން ނުބާއްވާކަމަަށް ބުނެފައިވާތީ ކުޑަ ބްރޭކެއް ލިބޭނެ ކަމަށް ހުރިހާ ކުޅުންތެރިންވެސް ތިބީ އިންތިޒާރު ކޮށްގެންނެވެ. އަދި މިހާރު ގައިގާ ވަރެއް ނެތްތާނގާ އޯލް ސްޓަރ ގޭމާއި މެދު މާބޮޑު ޝައުގެެއްވެސް ނެތް ކަމަށެވެ. އަދި މިމެޗް ބާއްވަން ނިންމީތީ ހިތްހަމަ ނުޖެހުނު ނަމަވެސް މެޗްގައި ކުޅެން ނަގައިފިނަމަ ބައިވެރިވާނެކަމުގައިވެސް ލެބްރޮން ޖޭމްސް ހާމަކުރިއެވެ. އަދި ކޮރޯނާ ވައިރަސް މިހާރުވެސް ހަލުވި ކަމާއެކު ފެތުރެމުންދަނިކޮށް ލީގުގައި ވާދަކުރާ ހުރިހާ ތަރިން އެއް ތާކަށް އެއްކުރަން ވިސްނުމަކީ ރަގަޅު ކަމެއްނޫން ކަމަށް އޭނާ ހާމަކުރިއެވެ.

މީގެއިތުރުން ސެކްރެމެންޓޯ ކިންގްސްގެ ގާޑް ޑި އާރޮން ފޮކްސް ހާމަކުރިގޮތުގައި ކޯރާނާ ވައިރަހުގެ ބަލިމަޑުކަން ފެތުރެމުންދަނިކޮށް އެއް ތާކަށް އެންމެ އެއްކުރުމަކީ ބޯގޯސް ކަމެކެވެ. އަދި ސީޒަންތެރޭގައި ހުރިހާ ކަމެއް މާސްކް އަޅައިގެން ކުރަންޖެހޭ އިރު އަނެއްކާ އޯލް ސްޓަރ ގޭމް ބޭއްވުމުގެ މާނައެއް ނެތް ކަމަށް ފޮކްސް ހާމަކުރެއެވެ. ނަމަވެސް އެމެޗްގައި ކުޅެން ސިލެކްޓް ކޮސްފިނަމަ އޭނާވެސް ކުޅޭނެ ކަމަށާއި އެއީ ނުކުޅެން ނިންމައިފިއްޔާ ބޮޑު ޖޫރިމަނާއެއް އެކަމަށް އޮންނަ ކަމަށެވެ.