ވިޔަފާރި

ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު 34 އިންސައްތަ ކުރިއަރާނެ - މިނިސްޓަރ އަމީރު


މިއަހަރު ނިމޭއިރު ރާއްޖޭގެ އުފެއްދުންތެރިކަން 34 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭ އިތުރު މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ކުރިޔަށްގެންދިޔަ ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ކަމުގައިވާ، 2019ވަނަ އަހަރަކީ އިޤްތިސާދީގޮތުން ގިނަ ކުރިއެރުންތައް ލިބުނު ކާމިޔާބު އަހަރެއް ކަމަށެވެ. އެހެން ނަމަވެސް 2020ވަނަ އަހަރު ވެގެންދިޔައީ އިޤްތިސާދީގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2020ވަނަ އަހަރުތެރޭ ކުރިއަށްގެންދިޔުމަށް ނިންމާފައިވާ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކޯވިޑާއި ގުޅިގެން ހުއްޓުމަކަށް އައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސް ރާއްޖޭގެ ހުރިހާ ރިސޯޓެއް ބަންދުކުރަން ޖެހުނުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ގިނަ ގޮންޖެހުންތަކާއި އެކުވެސް، އިޤްތިސާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެެ. އެގޮތުން އިޤްތިސާދު މަޑުމަޑުން ހުޅުވާލުމުގެ ސަބަބުން އޭގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

" މިސާލަކަށް ޖުލައި 15ގައި އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާލީމައި އޭރު މީހުން ބުނި، އަދި މާ އަވަހޭ، އޭރު ޓޫރިޒަމް ސެކްޓަރގެ ބޭފުޅުންވެސް ލަފާކުރީ 2021ވަނަ އަހަރުގެ ފަހުކޮޅުއޭ ރާއްޖޭގެ ޓޫރިޒަމް ސެކްޓަރވެސް ކުރިއަރަން ފަށާނީ، އެހެންނަމަވެސް މިހާރު ކޯވިޑް-19 ގެ ކުރިން ފަތުރުވެރިން އެވްރެޖްކޮށް އައި އަދަދަކާއި ކައިރިކުރާތަން މިހާރު މި ފެންނަނީ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ފާހަގަވި އެއް ކަމަކީ އިޤްތިސާދާއި ސިއްޙީ ކަންތައްތަކާއި އޮތް ގުޅުން ކަމަށެވެ. އަދި ސިއްޙީ ކަންތައްތައް ރަނގަޅަށް މެނޭޖްކުރުުމުން އިޤްތިސާދު ކުރިއަރަމުންދާތަން މިހާރުވެސް ފެންނަމުންދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 3000 ފަތުރުވެރިން އަންނަ ކަމަށާއި ކުރިމަގުގައި މިއަދަދުތައް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

" ޓާގެޓަކީ ގާތްގަނޑަކަށް މާރޗު، އޭޕްރިލް ވާންވާއިރަށް، ޗައިނާ އަދި އެހެނިހެން ޤައުމުތައް އަދި މިސާލަކަށް މިހާރު ޔޫރަޕްގެ ޤައުމުތަކުގައިވެސް ރޭޓްސްތައް ދަށްވަމުންދާތަން ފެނޭ، ހުޅުވިގެންދާ ވަރަކަށް، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 5000 އަށް އެރުން ޓާގެޓަކީ،" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތުމުން އޭގެ ނޭދެވޭ އަސަރުތައް ކުރިއެވެ. މިއާއެކު ސަރުކާރުންވަނީ ރާއްޖޭގެ އިޤްތިސާދު އިތުރަށް ސިންދަފާތު ކުރުމަށް މަސައްކަތްކުރަންފަށާފަވެ.

މިނިސްޓަރ އަމީރުވެސް ވަނީ އިޤްތިސާދު ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތާއި ދަނޑުވެރިކަމުގެ ސިނާއަތް ރާއްޖޭގައި ފުޅާކުރުމަށް މިއަހަރުތެރޭ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.