ޚަބަރު

ކުޅުދުއްފުށީގެ ދުވަސްވީ ކުނިގޮޑު ހުސްކުރުން، ރައްޔިތުންނަށް ލިބުނު އުފާވެރިކަމެއް


ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ފަށައިފިއެވެ. ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެފައިވާ ކުޅުދުއްފުށީ ކުނިކޮށީގައި ގާތްގަނޑަކަށް 92000 ޓަނުގެ ކުނި ހުސްކުރަން އެބަހުއްޓެވެ.

ކުނިމެނޭޖް ކުރާނެ ނިޒާމެއްނެތި ކުނިކޮށްޓަށް ކުނިތައް އުކަންޖެހުމުގެ ސަބަބުން ކުޅުދުއްފުށީގެ ކުނިކޮށިވަނީ ބޮއްސުންލާފައެވެ. މެހިގިނަވުމާއި ކުނިކޮށިން ދުވާ ނުބައި ވަހުން މުޅި ސަރަހައްދު އޮންނަނީ ތަޣައްޔަރުވެފައެވެ. ކުޅުދުއްފުށީ ކުނިކޮއްޓާ އިންވެގެން އޮންނަ ޒޯން ސްޓޭޑިއަމްގައި އެކި ކުޅިވަރު ކުޅުމާއި އެކި ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އެތާކައިރީގައި ހުންނަ އަފީފުއްދީން ސްކޫލްގައި ތިބޭ ދަރިވަރުންނަށް ކުނިކޮށިން ދުވާ ވަހާ ރޯކޮށްލުމުން އަރާދުމުން ވަރަށްބޮޑަށް އުނދަގޫވަމުންދެއެވެ.

ޒަމާންވީ މިމައްސަލަޔަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި ސަރުކާރުންވަނީ މިގޮތަށް ގިނަދުވަސްވެ ކުނި ޖަމާވެފައިވާ 20 ރަށަކުން ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ވެމްކޯއާއި ހަވާލު ކޮށްފައެވެ. އަދި ދާއިމީ ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ 3 ސަރަހައްދެއްގައި ކުނި މެނޭޖް ކުރާނެ ނިޒާމްގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މިއަހަރުގެ ރިއާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލޙްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް ކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ކުނީގެ މައްސަލައަކީ ރައްޔިތުން ވަރަށް ކަންބޮޑުވެ ގޮތް ހުސްވެފައިވާ މައްސަލަޔަކަށް ވާއިރު ކުޅުދުއްފުށީ ކުނިކޮށި ހުސްކުރަން ފެށުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށާއި މިއީ ވަރަށް ބޮޑުކުރިއެރުމެއް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވިއެވެ. އަދި ކުނިކޮށި ހުސްކޮށް ބިން ލެވެލް ކުރުމަށްފަހު ދެން ކުނިކޮށި މެނޭޖް ކޮށް ރަނގަޅަށް ބަލަހައްޓަމުންގެންދާނެ ކަމަށްވެސް ކައުންސިލްގެ ރައީސްވިދާޅުވިއެވެ.

"
"ކުނިކޮށި ހުސްކުރުމަށްފަހު ދެން ކުނިކޮށްޓަށް ކުނި އުކާލަމުން ގެންދަންޖެހޭނީ ބައިތައްވަކިކޮށްގެން. އަދި އޭރުން ރަނގަޅަށް ކުނި މެނޭޖް ކުރެވި ކުޅުދުއްފުއްޓަކީ ސާފުތާހިރު ރަށަކަށްވެގެންދާނެ. ކުނި މެނޭޖް ކުރާނެގޮތުގެ ޕްލޭން މިހާރު މިދަނީ ކުރަމުން".
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން

ވެމްކޯއާ ހަވާލާދީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވީ، ކުނިތައް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވެއްޔާއި ކުނިތައް ވަކިކޮށް، ފުރޭނުމަށްފަހު ކަމަށެވެ. ކުނިތައް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ ކުނބުރުދޫއަށެވެ. މިމަސައްކަތް ވެމްކޯއާއި ހަވާލުކޮށްފައިވަނީ 6 މަސްދުވަހުން ނިންމާގޮތަށެވެ.

ޒަމާންވީ މިމައްސަލައަށް ހައްލު ލިބިގެންގެންދިއުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.