ޚަބަރު

އޭދަފުށީގައި އަމިއްލަ ފަރާތަކުން އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި


ބ.އޭދަފުށީގައި އަމިއްލަ ފަރާތަކުން އިމާރާތް ކުރުމަށް ނިންމާފައިވާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. އޭދަފުށީ ދެކުނު ފަރާތުގައި އިމާރާތްކުރާ މިމިސްކިތުގެ ބިންގާ އަޅައިދިނީ، މިސްކިތް ހަދިޔާކުރާ މުހައްމަދު އަލީ އާއި އޭދަފުށްޓަށް ތައުލީމީ ގޮތުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ އަޙްމަދު އަންވަރުއެވެ.

ދެ ފަންގިފިލާ ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މިމިސްކިތުގައި އެއްފަހަރާ 1200 މީހުންނަށް ނަމާދުކުރެވޭނެކަމަށާއި، މި މިސްކިތް ނިމޭއިރު އަންހެނުން ނަމާދުކުރުމަށް ޚާއްސަ ބައެއްވެސް ހުންނާނެ ކަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވެއެވެ.

މިމިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް މިމަސްތެރޭގައި ފެށޭނެކަމަށާ، އަމާޒަކީ 18 މަސްދުވަސްތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާލުން ކަމަށް މިސްކިތް ހަދިޔާ ކުރާފަރާތާއި ހަވާލާދީ އޭދަފުށީ ކައުންސިލުން ވިދާޅުވެއެވެ.

3000 ވުރެ ބޮޑު އާބާދީއެއް އޮންނަ އޭދަފުށީގައި މިހާރުވެސް ދެ މިސްކިތްހުރެއެވެ. އެއީ 800 މީހުންގެ ޖާގައިގެ މިސްކިތަކާއި 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.