ޚަބަރު

އެންމެ ބޮޑު އިސްކަމެއް ދެނީ އެކަހެރި ރަށްރަށުގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރަން: މިނިސްޓަރ ނަސީމް


ސަރުކާރުން މިހާރު އެންމެ އިސްކަމެއްދެނީ އެކަހެރިކޮށް ހުރި ރަށްރަށުގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށްކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ ސިއްޙީ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތާއެކު އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އެކަހެރިކޮށް ހުރި ރަށްރަށުގެ ސިއްޙީ ނިޒާމުގެ ނިކަމެތިކަން ކަމަށެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭ އިތުރު މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ކުރިޔަށްގެންދާ ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ޙެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ އެކަހެރިކޮށް ހުރި ރަށްރަށުގައި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމަށް ގިނަ ދަތިތަކާއި ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެފަދަ ރަށްރަށުން ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމުންނަށް ފަސޭހައިން ސިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

"ރައްޔިތުން ކައިރިއަށް ހިނގައްޖައިން. ގޮސް އެމީހުންނާއި ސުވާލުކޮށް ވާހަކަ ދައްކާ ހަދައިފިން. އެންމެ ނިކަމެތިކޮށް މިއުޅެނީ އެކަހެރިވެފައި ހުންނަ ރަށްރަށް. އެހެންވީމަ އަޅުގަނޑުގެ ޚާއްސަ ސަމާލުކަމެއް ދޭން ބޭނުންވޭ އެކަހެރިވެފައި ހުންނަ ރަށްރަށަށް. އެ ރަށްރަށަށް ޚިދުމަތް ފޯރުކޮށްދިނުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތާއެކު ޓާޝިއަރީ ހޮސްޕިޓަލްތަކާއި ޕަބްލިކް ޙެލްތުކެއަރގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ލާމަރުކޮށް ސިއްހީ ޚިދުމަތްދޭއިރު ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚާއްސަ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން ޓާޝަރީ ހޮސްޕިޓަލްތައް އެކި ބޮޑެތި ބަލިތަކަށް ފަރުވާދޭ ތަންތަނުގެ ގޮތުގައި ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. އެގޮތުން ލ އަތޮޅުގައި އެޅުމަށް ނިންމާފައިވާ ޓާޝިއަރީ ހޮސްޕިޓަލް ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ނިންމަވާފައިވާއިރު ދެން އެޅުމަށް ނިންމާފައިވާ ޓާޝިއަރީ ހޮސްޕިޓަލްތައްވެސް ޚާއްޞަ ކުރާނީ ބޮޑެތި ބަލިތަކަށް ފަރުވާދޭ ޚާއްޞަ ހޮސްޕިޓަލްތަކެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތަށް ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ރާއްޖެއިން ބޭރަށް ނުގޮސް ބޮޑެތި ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމެއް ފަހިކޮށްދީ ސިއްޙީ ޚިދުމަތް ހޯދުމަށް ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުން ކަމަށެވެ.

ސިއްޙީ ނިޒާމު ލާމަރުކަޒުކުރުމުގެ މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިކަމަށްވެސް ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ހައްލު ލިބޭނެކަމަށެވެ.