ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020: ފޭދޫ ސްޕޯޓްސް އަށް މޮޅަކާއި އެކު ގްރޫޕް ސްޓޭޖު މެޗުތަށް ނިންމާލައިފި


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ގްރޫޕް ސްޓޭޖުގެ މެޗުތަށް ފެދޫ ސްޕޯޓްސް އަށް މޮޅަކާއި އެކު ނިންމާލައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލު ކުރީ، ގްރޫޕް ބީ ގެ މެދުވަލު އެފްސީ އާއި ފޭދޫ ސްޕޯޓްސްއެވެ. މިމެޗު ފޭދޫ ސްޕޯޓްސް ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއަކުންނެވެ. ފޭދޫ މިމެޗު ކާމިޔާބު ކުރުމާއި އެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ބީ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ފޭދޫ ސްޕޯޓްސް ސެމީފައިނަލަށް ދިޔައީ 12 ޕޮއިންޓާއި އެކުގައެވެ.

ފޭދޫ ސްޕޯޓްސް އާއި މެދުވަލު އެފްސީ ބައްދަލު ކުރި މެޗުގައި، އެޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ އެޓީމުގެ މުހައްމަދު ރިޒްނީހްއެވެ. އޭނާ މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، 14 ވަނަ މިނެޓުގައެވެ. މިހާފުގައި ދެޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަ ލަނޑުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ނަތީޖާ މެދުވަލު އެފްސީ އަށް އެއްވަރު ކޮށްދިނީ، 59 ވަނަ މިނެޓުގައި ހުސެއިން ޝާރިގްއެވެ. އެނާގެ މިލަނޑާއި އެކު 68 ވަނަ މިނެޓުގައި ފޭދޫ ސްޕޯޓްސްގެ ހުސެއިން ލަތީފް އަނެއްކާވެސް އެޓީމަށް ލީޑު ނަގައިދިނެވެ. މިމެޗުގައި ފޭދޫ ސްޕޯޓްސްގެ އިތުރު ދެ ލަނޑު ފެނިގެން ދިޔައިރު، އެ ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ، އެޓީމުގެ އަހުމަދު ޒައުލްއެވެ.

މެޗަށް ފަހު، ފޭދޫ ސްޕޯޓްސް ކޯޗު އިބްރާހިމް ނިޒާރު ބުނީ، މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށާއި، ސެމީ ފައިނަލުގައި ބައްދަލު ކުރުން އޮތީ ރަށު ޓީމެއް ކަމުގައި ވިއަސް ރަނގަޅު ކުޅުމެއް ދައްކައި ކުރިއަށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މެދުވަލު އެފްސީ އެސިސްޓެންޓް ކޯޗު މުހައްމަދު އިހްސާން ނަސީރު ބުނީ އެޓީމުގެ އިންޖަރީ މައްސަލަ އެބަހުރި ކަމަށާއި ނަމަވެސް ސެމީ ފައިނަލުގައި ވާދަ ކުރާ ބޭރުމަތި ޓީމަކީ ރަނގަޅު ފޯމެއްގައި އޮތް ޓީމެއް ކަމުން ފަސޭހަ ނުވާނެ ކަމަށެވެ. ނަމަވެސް މިހާރުވެސް އެމެއްޗަށް ރަނގަޅަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއި ސެމީ ފައިނަލުގެ ވާދަ ކުރާނެ ޓީމުތަށް މިވަނީ ކަށަވަރުވެފައެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރަނީ، ބޭރުމަތި އެފްސީ އާއި މެދުވަލު އެފްސީއެވެ. ހޮނިހިރު ދުވަހު މިމެޗު ކުޅެން ހަމަޖެހިފައިވާ އިރު، އާދީއްތަ ދުވަހު ކުޅެނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް ކްލަބެވެ.