ކުޅިވަރު

އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ބްރައިޓަންއިން ސިހުން ގެނުވައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ބްރައިޓަން އެންޑްް ހޯވް އެލްބިއަން ބައްދަލުކުރިމެޗް ބްރައިޓަން ކަމިޔާބުކޮށް ގިނަ ބަޔަކު ސިއްސުވާލައިފިއެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ބްރައިޓަން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ލިވަޕޫލުން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް މިމެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ. މިމެޗްގައި އާންމުކޮށް ވަރުގަދަ ކަމަށް ބެލެވޭ ލިވަޕޫލްގެ ކުރިއަށް ކުޅޭ ކުޅުން ތެރިންނަށް މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. އަދި ބްރައިޓަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. މިމެޗްގައި ބްރައިޓަންއިން ޖެހި މެޗްގެ ހަމައެކަނި ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހައިދިނީ ސްޓީވަން އަލްޒާޓޭއެވެ. މިއީ އޭނާ ޕްރިމިއަރ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ބްރައިޓަންގެ މިކާމިޔާބީއަކީ 1984 ވަނަ އަހަރަށްފަހު ލިވަޕޫލްގެ މައްޗަށް އެޓީމަށް ހޯދުނު ފުރަތަމަ ކާމިޔާބީއެެވެ. އަދި އެންފީލްޑްގައި ކުޅެ 1982 ވަނަ އަހަރަށްފަހު މޮޅުވި ފުރަތަމަ ފަހަރުވެސްމެއެވެ. މިއީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެޓީމް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހަށްފަހު އެންފީލްޑްގައި ކުޅެ ލިވަޕޫލް މޮޅުވެފައެއް ނުވެއެވެ. މިކާމިޔާބީއާއެކު ބްރައިޓަންވަނީ ކުޅުނު 22 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ 15 ވަނަައަށް ކުރިއަށް ޖެހިލާ ރެލެޣޭޝަނާއި ދުރަށް ޖެހިލާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓަރ ހާމަކުރިގޮތުގައި އެންފީލްޑްގައި ލިވަޕޫލާއި ދެކޮޅާށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިމެޗްގައި އޭނާގެ ކުޅުންތެރިން އެއިރަކު ކުރަން ޖެހުނު ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ކުރި ކަމަށާއި އަދި އޭނާގެ ކުޅުންތެރިން އެދައްކުވާދިނީ އެޓޭކް ކުރާއިރު އެޓީމްގައިވެސް ހުނަރު ހުރިކަންކަމުގައި ޕޮޓަރ ހާމަކުރިއެވެ. އަދި މިމެޗްގައި އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރު ވަރަށް ފާހަގަކޮށްލެވުނު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހާމަކުރިގޮތުގައި މިއީ ބަލައިގަންނަން ދަތި ނަތީޖާއެއް ކަމަށާއި އަދި މިދިޔައީ ވަރަށް ވަރުގަދަ ހަފްތާއެއް ކަމަށެވެ. އަދި ވަރަށް ގާތް ގާތުގައި ރަށުން ބޭރުގައި ވަރަށް ވަރުގަދަ ދެމެޗް ކުޅެފައިވުމުން މިމެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ. އަދި މިއީ ބްރައިޓަންއަށް ހައްގު މޮޅެއް ކަމަށާއި ނަމަވެސް މިވަގުތު މުހިންމީ މިމެޗުން އޭނާގެ ޓީމް ބަލިވީ ކީއްވެތޯ ބަލާ މިކަމަށް އަވަސް ހައްލެއް ހޯދުން ކަމަށްވެސް ކްލޮޕް ހާމަކުރިއެވެ. މި ނާކާމިޔާބީއާއެކު ލިވަޕޫލްވަނީ ހަތަރު ވަނައަށް ފަހަތަށް ޖެހިލާފައެވެ. އެއީ ކުޅުނު 22 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކުއެވެ.