ވިޔަފާރި

ރިޔާސީ ބަޔާން: ކޯވިޑާއި ގުޅިގެން އިމާރާތްކުރުމުގެ ސިނާއަތުގެ 240 ފަރާތަކަށް ލޯނު


ކޯވިޑް19ގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތަށް ލިބުނު ގެއްލުމުން އަރައިގަތުމަށް 240 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތަށް ލިބުނު އައު މަޝްރޫޢުތައް ވަރަށް ބޮޑަށް މަދުވެ، އެ ސިނާއަތައް ވަނީ ގެއްލުމާއި ކުރިމަތިލާންޖެހިފައެވެ. ކޯވިޑްގެ ސަބަބުން އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވި ގެއްލުމާއި އެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރިޔާސީ ބަޔާނުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިމާރާތްކުރުމުގެ ސިނާއަތަކީވެސް ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ސިނާއަތެއްކަމަށެވެ. އެހެންކަމުން ކޯވިޑްގެ ތެރޭގައި ސަރުކާރުން އެ ސިނާއަތް ހީނަރުވިޔަނުދީ، ހިފެހެއްޓުމަށްވެސް މަސައްކަތް ކޮށްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިމާރާތްކުރުމުގެ ސިނާއަތުގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ކޯވިޑް އާއި ގުޅިގެން ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތަކުގެ ތެރެއިން، ކޮންސްޓްރަކްޝަން ދާއިރާއަށް ވެސް، ކޯވިޑްގެ ދަތިކަމުގެތެރޭގައި ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު. މިއީވެސް ވަރަށްގިނަ ބަޔަކު ޙިއްޞާވާ، އަދި ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއަކަށް ވާތީ، ކޯވިޑްގެ ތެރޭގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް، ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ." ރައީސް ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އިމާރާތްކުރުމުގެ ސިނާއަތުގައި 5000- 7000 ދެމެދުގެ އަދަދަކަށް ދިވެހިން މަސައްކަތް ކުރެއެވެ. އަދި 40،000 އާއި 50،000 ދެމެދުގެ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވެއެވެ. އެމްއެމްއޭއިން އާއްމުކޮށްފައިވާ ރިޕޯޓަކުން ދައްކާގޮތުން ކޯވިޑް19 ގެ ހާލަތު އެންމެ ގޯސްވެގެންދިޔަ މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރުގައި އެކަނިވެސް އިމާރާތްކުރުމުގެ ސިނާއަތުގެ ހަރަކާތްތައް 61 އިންސައްތަ ވަނީ މަޑުޖެހިފައެވެ.