ޚަބަރު

ދެވަނަ ކުއާޓަރުގައި ދިރާގަށް 734 މިލިޔަން ރުފިޔާ


  • ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު ދެ ދާއިރާއަކުން

  • މޯބައިލް ޚިދުމަތުން 394 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިރާގުގެ ކުއާޓަރލީ ރިޕޯޓުން ދައްކައިފިއެވެ. މިއީ، އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ، މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ، މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

ދިރާގުން އާއްމުކޮށްފައިވާ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިމުއްދަތުގެ ތެރޭގައި މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް 394 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް ލިބިފައިވަނީ، 404 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %2.47 ދަށްވުމެކެވެ.

މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. ދިރާގުގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 315 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބުނު 302 މިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާއިރު %4.3 އިތުރުވުމެކެވެ.

މިއާއެކު ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނު 730 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %0.46 އިތުރު އަދަދެކެވެ.

އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ، 249 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 256 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް 214 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި މިއީ ފުރަތަމަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 220 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު ދަށް އަދަދެއްކަމަށް އެ ކުންފުނީގެ ކުއާޓަރލީ ރިޕޯޓުން ދައްކައެވެ.