ޚަބަރު

ރިޔާސީ ބަޔާން: އައްޑޫގެ މަޝްރޫޢުތައް ކުރިއަށްއޮތް 6 މަހުގެ ތެރޭގައި ފަށާނެ


އައްޑޫ ސިޓީގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ގިނަ މަޝްރޫޢޫތަކެއް މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ފައްޓަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫއާ ގުޅޭ ތަރައްޤީގެ މުހިއްމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އައްޑޫގައި ކުރިއަށްގެންދިޔުމަށް ކަނޑައަޅާފައިވާ ގިނަ މަޝްރުޢޫތަކެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެށޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުވެސް މިމަހު ބަޔަކާ ޙަވާލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެތެރެއިން ބީލަމުގެ މަރުޙަލާ ނިންމައި އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި އެމަސައްކަތް ބަޔަކާ ޙަވާލުކުރެވޭނެ. އަދި އައްޑޫ ސިޓިއަށް ކަނޑައަޅާފައިވާ ގިނަ މަޝްރޫޢުތަކެއް މިއަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން." ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެސިޓީއަށް ގެންގޮސްފައެވެ. މިމަޝްރޫޢޫގެ ދަށުން އެސިޓީގެ 18 މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އައްޑޫ ސިޓީގެ ރަށްރަށުގެ ބަނދަރު ހެދުމާއި އައްޑޫގެ ޓަރޝިއަރީ ހޮސްޕިޓަލް ސްޕެޝަލައިޒްކުރުމާއި އައްޑޫ އިންޓަރނޭޝަނަލް ދެ ޕޯޓު އިތުރަށް ތަރައްޤީކުރުމާއި އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.