ޚަބަރު

ދީނުގެ ނަމުގައި އެއްވެސް މީހަކު ޙައްގަކުން މަޙްރޫމުވުމުގެ ފުރުސަތެއް ނުދޭނަން - ރައީސް


ދީނުގެ ނަމުގައި އެއްވެސް މީހަކު އެއްވެސް ޙައްގަކުން މަޙުރޫމްކޮށް މުޖުތަމަޢު ބައިބައިކުރުމުގެ ފުރުސަތު ދިވެހި ފަސްގަނޑުގައި ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީނުގެ މަތިވެރި މިންގަނޑު ހިފެހެއްޓުމަށް އެމަނިކުފާނުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އެގޮތުންވެސް ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވުނު މަސައްކަތްތައް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

އިސްލާމް ދީނަކީ ހަމަހަމަ ފުރުސަތު އެންމެނަށް ލިބިދޭ ދީނަކަށް ވީހިނދު ދީނުގެ ނަމުގައި މީހުންގެ ޙައްގުތަކަށް އަރައިގަނެ އެކި ޙައްގުތަކުން މީހުން މަޙުރޫމުކުރުމުގެ ފުރުސަތު ދިވެހި ބިމުގައި ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އަދި މުޖުތަމަޢު ބައިބައިވުމަށް މެދުވެރިވާ އެކިއެކި ސަބަބުތަކުންވެސް ދިވެހި ބިން ޙިމާޔަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިންގެ ހިތްތަކުގައި ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ އަށަގެންނެވުމަށާއި، އިސްލާމް ދީނުގެ ރިވެތި އުޞޫލުތައް ނެގެހެއްޓުމަށް، މިދިޔަ އަހަރުގެ ތެރޭގައިވެސް، ސަރުކާރު ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ. އޭގެތެރެއިންވެސް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، އަޅުގަނޑު ފާހަގަކުރާ ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތައް. އިސްލާމްދީނުގެ މަތިވެރި އިޖްތިމާޢީ އުސޫލަކީ ކުޑަކުދިންނަށް އަޅާލުމާއި އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުންކަމަށްވާއިރު، ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ޙައްޤުތަކުން މަޙްރޫމްކޮށް، މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނުދެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ނަމުގައި ހިންގާ ޖަރީމާތަކުން ދިވެހި ބިން ސަލާމަތްކުރުމަށް ސަރުކާރުން ގެންދަވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހަރުކަށި ފިކުރުގެ މީހުންނާ ގުޅުންހުރި އެކި އޮޕަރޭޝަންތައް ވޭތުވެދިޔަ އަހަރުގައި ކުރިއަށްގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ އެކި ޢަމަލުތަކުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވަމުން އަންނަ މީހުންނާއި ޙައްގުތަކުން މަޙުރޫމުވަމުން އަންނަ މީހުންގެ ޙައްގުތައް ކަށަވަރުކުރުމަށް މުވައްސަސާތަކުން މަސައްކަތް ކުރައްވަމުން އަންނައިރު މިފަދަ މައްސަލަތުގައި ޝާމިލުވާ މުވައްސަސާތައް ޒިންމާދާރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ. މީގެއިތުރުން ރާއްޖެއިން އަންނަނީ ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ބޮޑެތި ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.