ވިޔަފާރި

ރިޔާސީ ބަޔާން: ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮއްގިރީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ


ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮއްގިރީގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ، ކޯވިޑްގެ ސަބަބުން، ޤައުމުގެ ފަތުރުވެރިކަމާ، އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، އިޤްތިޞާދު އިނދަނުޖެހި އޮތީ މަސްވެރިކަމުގެ ސަބަބުންކަމަށެވެ. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މަސް ގަންނަ ކުންފުނިތަކަށް ދިފައި އޮތް އެކްސްކްލޫސިވިޓީ، މިދިޔަ އަހަރު އުވާލައި މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުޞަތު، މިހާރުވާނީ ޢާންމުކޮށް ހުޅުވާލާފައިކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮއްގިރީގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީއަށް 8200 މެޓްރިކްޓަނު އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 49 ހާސް ޓަނުގެ މަސްގަނެ މިދިޔަ 14 އަހަރުގެ ތެރޭގައިވެސް މިފްކޯއިން އެންމެ ގިނައިން މަސް ގަނެފައިވާ އަހަރަކީ މިދިޔަ އަހަރުކަމަށް ރައީސް ވިދާޅުވިއެވެ.

"މިފްކޯއަށް މިދިޔަ އަހަރު، 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ވަނީ ދީފައި. މިއީ މިދިޔަ 14 އަހަރުގެތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރު. ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮއްގިރީގެ ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީއަށް 8200 މެޓްރިކްޓަނު އިތުރުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. މިމަސައްކަތް ނިމުމުން މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް 61 އިންސައްލަ އިތުރުވާނެ. މީގެ އިތުރުން، މ.މުލަކުގައި 200 ޓަނުގެ ކޯލްޑްސްޓޯރޭޖަކާއި ގދ.ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމު މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން." ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓު ޑިއުޓީވެސް މިދިޔަ އަހަރު ސަރުކާރުން ކަނޑަލާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެކަން ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފްކޯ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއެއް ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އަޅައި މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ.