ޚަބަރު

ޢުމުރުން ދުވަސްވީ މީހުންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އައު އުއްމީދެއް


ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ މަރުކަޒެއް އައްޑޫގައި އެޅުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އިއުލާންކުރައްވައިފިއެވެ. އެއާއެކު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މިއަހަރު މަސައްކަތް ފައްޓަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ މަރުކަޒެއް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އައްޑޫ ސިޓީގައި މި މަރުކަޒު ތަރައްޤީކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ މިމަސައްކަތް މިއަހަރު ތެރޭގައި ފަށައިގަނެވޭނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ މީހަކީވެސް ޢިއްޒަތްތެރިކަމާއެކު ރައްކާތެރި މާޙައުލެއްގައި ދިރިއުޅެވޭނެ މަގު ފަހިވެފައި އޮންނަ މީހަކަށް ވާންޖެހޭނެކަމަށެވެ. އެކަން ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސްވަނީ ރައްޔިތުންނަށް އަރުއްވާފައެވެ.

" ފަޚުރުވެރިކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި މުޅިން އަލަށް އެލްޑަރލީ ވިލެޖެއް، އައްޑު އަތޮޅުގައި ޤާއިމްކުރުމުގެ މިއަހަރު ފެށޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ގުޅޭގޮތުން ކުރައްވަން ނިންމަވާފައިވާ މުހިއްމުކަންކަންވެސް ހާމަކުރައްވާފައެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މިއަހަރު މަސައްކަތް ފައްޓަވާނެކަމަށާއި މިމަސައްކަތުގެ މުހިއްމު ބައެއް ހުޅުމާލޭ ހޮސްޕިޓަލުގައި ކުރައްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

އަޑު:" ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެން ފަށާނަން. އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާލިބޭނެ ވަޞީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ވެގެންގޮސްފައިވަނީ ޢުމުރުން ދުވަސްވީ މީހުންނަށާއި އަހަރުތަކެއް ކުރިން ހަވާސާވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އުއްމީދީ ރިޔާސީ ބަޔާނަކަށެވެ. އުމުރުން ދުވަސްވީ މީހުން ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާނެ ޚާއްސަ މަރުކަޒެއް މިވަގުތު ނެތްނަމަވެސް ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި އަޅާލާނެ މީހަކުނެތް އުމުރުން ދުވަސްވީ ގިނަބަޔަކު ތިބެއެވެ. މީގެ ސަބަބުން ނަފްސާނީ އެތައް މައްސަލަތަކެއް ކުރިމަތިވަމުން އަންނައިރު އެފަރާތްތަކަށް ދުޅަހެޔޮކަން އެފަދަ މަރުކަޒެއް ކަށަވަރުކުރުމަކީ ގޮންޖެހުން ބޮޑުކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި މަރުކަޒާއެކު މިކަމަށް ޙައްލެއް ލިބިގެން އަންނާނެއެވެ.