ޚަބަރު

ޢާއްމު ޚިދުމަތްދޭ ތަންތަނުގެ މާސް އިންސްޕެކްޝަން އަލުން ފަށައިފި


ކޯވިޑް-19ގެ ސަބަބުން ޢާއްމު ޚިދުމަތްދޭ ތަންތަން އެޗްޕީއޭގެ މިންގަނޑަށް ފެތޭތޯ ބެލުމަށްޓަކާ ކުރިއަށް ގެންދާ މާސްއިންސްޕެކްޝަންގެ ފަސްވަނަ ބުރު ފަށައިފިއެވެ. މާސްއިންސްޕެކްޝަން ފެށިކަން ހާމަކުރެއްވީ އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޯވިޑް-19ގެ ޙާލަތު ގޯސްވަމުންދާ މިދަނޑިވަޅުގައި އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ ކޯވިޑްގެ ކޭސްތައް މިހާރު އިތުރުވަމުން ދިޔުމާ ގުޅިގެން ޢާއްމު ޚިދުމަތްދެމުންދާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މިންގަނޑު ބެލުމަށް އެޗްއީއޯސީން ނިންމާފައިވާކަމަށެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ގުޅިގެން މާސް އިންސްޕެކްޝަންގެ 5 ވަނަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އިންސްޕެކްޝަންގައި ބަލަމުންގެންދާނީ ކެފޭ ރެސްޓޯރެންޓުތަކާއި ކެންޓީން ފަދަ ތަންތަން ހިންގުމުގައި ރައްކާތެރިކަމަށްޓަކާ ހިފަހައްޓަން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަމަލުކުރާ މިންވަރުކަމަށް އަޙްމަދު ނާސިރު ވިދާޅުވިއެވެ.

"މާސް އިންސްޕެކްޝަންގެ ސަބަބުން މީގެ ކުރިންވެސް ޢާއްމު ޚިދުމަތްދެމުން އަންނަ ތަންތަނުގައި ހުރި މައްސަލަތައް ފާހަގަކުރެވިފައިވާއިރު ވަރަށް ގިނަ ތަންތަނުން މިންގަނޑު ހިފެހެއްޓުމަށް މަސައްކަތްކުރާކަން އަޅުގަނޑުމެންނަށްވަނީ ފާހަގަވެފަ. އޭގެ ސަބަބުން ކޯވިޑްގެ ޕޮޒިޓިވްވާ ޢަދަދުތައް ހަމަ ދަށަށް ދިޔަ ތަންވެސް އަޅުގަނޑުމެންނަށްވަނީ ފެނިގެން ގޮސްފައި." އަޙްމަދު ނާސިރު ވިދާޅުވިއެވެ.

ޢާއްމު ޚިދުމަތްދޭ ތަންތަން ބަލާފާސްކޮށް އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭގޮތަށް ހުރިތޯ ބެލުމަށް ކުރިއަށްގެންދިޔަ ހަތަރުވަނަ ބުރުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައިވަނީ ތިންހާހަށްވުރެ ގިނަ ތަންތަން ބަލާ ފާސްކޮށްފައެވެ. މީގެ ދަށުން ސަތޭކައަށްވުރެ ގިނަ ތަންތަންވަނީ މިންގަނޑަށް ނުފެތޭތީ ބަންދުކޮށްފައެވެ. ކޯވިޑް-19ގެ ކޭސްތައް މަދުކުރުމުގައި ޢާއްމު ޚިދުމަތްދޭ އެކި ތަންތަން ބަލާފާސްކުރުމަށް ކުރިއަށްގެންދާ މާސް އިންސްޕެކްޝަންތަކުގެ ދައުރު ބޮޑުކަމަށް އެޗްއީއޯސީން ފާހަގަކުރައްވައެވެ.

މިގޮތަށް ބަލާއިރު ޚިދުމަތްދޭ ތަންތަނުގައި ގައިދުރުކަން ކަށަވަރުކުރެވޭނެ ގޮތަށް އިންތިޒާމުކޮށްފައިހުރިތޯއާއި މާސްކު ބޭނުންކުރުމަށް ބާރު އަޅާމިންވަރާއި އަތްދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އަންނަނީ ބަލަމުންނެވެ. މީގެ އިތުރުން އެއްފަހަރާ ޚިދުމަތްދިނުމަށް ކަނޑައަޅާ މިންވަރާއި އެއަށް ޢަމަލުކުރާ މިންވަރުވެސް އަންނަނީ ބަލަމުންނެވެ.