ދުނިޔޭގެ ވިޔަފާރި

ވެކްސިން ވިއްކައިގެން ފައިޒާއަށް މިއަހަރު 15 ބިލިއަން ޑޮލަރު ލިބޭނެ


ޖަރުމަނުވިލާތުގެ ބަޔޯއެންޓެކު ކުންފުންޏާއި ގުޅިގެން ފައިޒާ އިންކުން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިން ވިއްކައިގެން މި އަހަރުގެ ތެރޭގައި 15 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަމަށް އެ ކުންފުނިން އަންދާޒާކޮށްފިއެވެ. އެއީ އެ ކުންފުންޏަށް މި އަހަރުގެ ތެރޭގައި ލިބޭ އާމްދަނީގެ ހަތަރުބައި ކުޅަ އެއްބައެވެ.

ފައިޒާއިން ބުނީ އެ ކުންފުނީގެ ފަރާތުން މި އަހަރު ވިއްކާ އެންމެ ކާމިޔާބު މުދަލަކަށް ވާނީ ފައިޒާގެ ކޯވިޑް ވެކްސިންކަމަށް ބެލެވޭކަމަށެވެ. އެކި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވުންތަކުގައި ސޮއިކުރުމުން އާމްދަނީގެ ގޮތުގައި ލިބޭ ޢަދަދު 15 މިލިއަނަށްވުރެ އިތުރުވާނެކަމަށް ބެލެވޭކަމަށް އެ ކުންފުނިން ބުންޏޭވެ.

މި އަހަރުގެ ތެރޭގައި ކޯވިޑް ވެކްސިންގެ ދެ ބިލިއަން ޑޯޒް އުފައްދާ ބާޒާރަށް ނެރުމަށް ފައިޒާ ކުންފުނިން ވަނީ އަމާޒުހިފާފައެވެ. އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް، އެލްބާޓް ބޯލާ ވިދާޅުވީ އެ އަމާޒަށްވުރެވެސް އިތުރަށް ވެކްސިން އުފެއްދޭތޯ އެ ކުންފުނިން މަސައްކަތްކުރަމުންދާކަމަށެވެ.

ފައިޒާގެ ޗީފް ފައިނޭންޝަލް އޮފިސަރު ފްރޭންކް ޑީ އެމީލިއޯ ވިދާޅުވީ ހަފުތާއެއްގެ މައްޗަށް އުފައްދާ ވެކްސިންގެ ބެޗުތަކުގެ ޢަދަދު އިތުރުކޮށް، ކޮންމެ ބެޗަކުން ވެކްސިން އުފައްދާ މިންވަރު ދެ ގުނައަށް މިހާރު އިތުރުކޮށްފައިވާކަމަށެވެ. އަދި ވެކްސިން އުފައްދާ މަރުކަޒުތަކުގައި ބޭނުންކުރާ އެސެމްބްލީ ލައިނުތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ ބަދަލުތަކެއްވެސް ގެންނަމުންދަނީ އެ ކުންފުނިން ބާޒާރަށްނެރޭ ވެކްސިން ޑޯޒްތައް އިތުރުކުރުމުގެ މަގުސަދުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ފައިޒާއިން ބުނީ ވައިރަހުގެ އައު ވައްތަރުތައް މިހާރު ފެންނަމުންދާތީ އަދި ވެކްސިންގެ ބާރުގަދަވުމުން އިންސާނުންގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް ކޯވިޑް-19 ވެކްސިނަކީ ގިނަ މުއްދަތަކަށް އޭގެ ބޭނުން ޖެހޭނެ ވެކްސިނެއްކަމަށް އެ ކުންފުނިން ދެކޭކަމަށެވެ. ފައިޒާއިން ބުނީ މިހާރު ދެ ޑޯޒްގެ މައްޗަށް ތައްޔާރުކޮސްފައިވާ ވެކްސިންގެ ތިންވަނަ ޑޯޒެއް ދެވަނަ ޑޯޒް ދިނުމުގެ ހަ މަހާއި ބާރަ މަސް ދުވަހާއި ދެމެދުގެ މުއްދަތެއްގައި ދިނުމުން ވައިރަހުގެ އައު ވައްތަރުތަކާއި ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު އިތުރުވާނެތޯ ބެލުމަށް އެކަން ދިރާސާކުރަމުންދާކަމަށެވެ. ފައިޒާ ވެކްސިންގެ ދެ ޑޯޒް މިހާރު ދެމުންދަނީ ދެ ޑޯޒްގެ ދޭތެރޭގައި ތިން ހަފުތާގެ ދުރުކަމެއް ބަހައްޓައިގެންނެވެ.

ފައިޒާގެ ޗީފް ސައިންޓިފިކް އޮފިސަރު، މިކާއިލް ޑޮލްސްޓެން ވިދާޅުވީ އެމްއާރުއެންއޭ ބޭނުންކޮށްގެން އުފައްދާފައިވާ ފައިޒާގެ ވެކްސިންފަދަ ވެކްސިނެއް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ފެތުރެމުންދާ ވައިރަހުގެ އައު ވައްތަރުތަކާއި ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރާނެކަމަށް ޤަބޫލުކުރައްވާކަމަށާއި، ވެކްސިނަށް ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި މިވަގުތަށް އެންމެ ރަނގަޅުވާނީ ވެކްސިންގެ ބޫސްޓަރެއް ދިނުންކަމަށެވެ.

ވެކްސިން އުފެއްދުމުގައި އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކުރުމަކީ މިހާރުވެސް ބޭހާއި ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ފައިޒާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ޓެކްނޮލޮޖީއެއްކަމުގައި ވަނީ ބެލެވިފައެވެ.

2025 ވަނަ އަހަރުގެ ތެރޭގައި އެ ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފުލޫ ވެކްސިނެއް ބާޒާރަށް ނެރުމަށް އެ ކުންފުނިން އުންމީދުކުރެއެވެ. 2021 ވަނަ އަހަރުގެ ތެރޭގައި ފައިޒާއަށް 50.4 ބިލިއަނާއި 61.4 ބިލިއަން ޑޮލަރާއި ދެމެދުގެ އާމްދަނީއެއް ލިބޭނެކަމަށް އެ ކުންފުނިން ވަނީ އަންދާޒާކޮށްފައެވެ. ބައެއް މާހިރުން ބުނީ ވެކްސިން ވިއްކައިގެން ފައިޒާއަށް މި އަހަރުގެ ތެރޭގައި ލިބޭ އާމްދަނީއަކީ އަންނަން އޮތް އަހަރުތަކުގައިވެސް ދެމެހެއްޓޭނެ ޢަދަދުތަކެއްކަމަށް ޤަބޫލުކުރާކަމަށެވެ.