ޚަބަރު

ކާފިއު ގަޑީގައި ޕަބްލިކް ޓްރާންސްޕޯޓާއި ފެރީގެ ޚިދުމަތަށްވެސް ބޮޑެތި ބަދަލުތަކެއް


ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިއުލާންކޮށްފައިވާ ކާފިއު ގަޑީގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ޕަބްލިކް ޓްރާންސްޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ސަމީރު ވިދާޅުވީ މިއަދުން ފެށިގެން މާލެއާއި ހުޅުމާލެއާދެމެދު ބަހުގައި ދަތުރުކުރެވޭނެ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 10:30 ކަމަށެވެ. އަދި މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ދެމެދު ކުރާ ފެރީ ދަތުރުތަކުގެވެސް އެންމެ ފަހުގެ ގަޑިއަކީ ރޭގަނޑު 10:30 ކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުން ކާފިއު ގަޑިތަކުގައި އެމަރޖެންސީ ޙަލަތުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދޫކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކާފިއު ގަޑިތަކުގައި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ލުއިތަކެއްވަނީ ދެއްވާފައެވެ. އެގޮތުން ފެނާއި ގޭސް ފޯރުކޮށްދިނުމަށް އެފަދަ ޚިދުމަތްދޭ ތަންތަނަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން 350 ކިލޯގެ 2 އުޅަނދު ބޭނުންކުރެވޭނެގޮތަށް ވަނީ ހަމަޖައްސާ ހުއްދަދީފައެވެ. އެހެންނަމަވެސް ފެނާއި ގޭސް ފޯރުކޮށް ދިނުމަށް މިހުއްދަ ދޫކޮށްފައި ވަނީ ރޭގަނޑު 08:30 އާއި 11:00އާއި ދެމެދުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ޕެޓްރޯލް ޝެޑުތައްވެސް ކާފިއު ގަޑިތަކުގައި ބަންދުކޮށްފައިވީނަމަވެސް އެމެޖެންސީގައި ޙަރަކާތްތެރިވާ ވެހިކަލްތަކަށް ޕެޓްރޯލް އެޅުމަށް މާލެއާއި ހުޅުމާލޭގައި 2 ޝެޑު ކާފިއު ގަޑީގައި ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ވަނީ ދެއްވާފައެވެ.

"އެއަރޕޯޓަށް ފުރަންދާ މީހުންވެސް ޓިކެޓް ނުވަތަ ޕާސްޕޯޓް ދެއްކުމުން ދަތުރުކުރެވޭނެ ޓެކްސީތަކާއި ޕަބްލިކް ޓްރާންސްޕޯޓް މެދުވެރިކޮށްވެސް. އަދި ހަމަ ޑިއުޓީގައި ޔުނިފޯމްގައި ތިބޭ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންވެސް ކާޑު ކާފިއު ގަޑިތަކުގައި އޮންނަންވާނެ. އަޅުގަނޑުމެންވެސް ވަރަށް ބޮޑު އެދުމެއް ޔުނިފޯމާއި ކާޑު ބޭނުންކޮށްގެންވެސް ޑިއުޓީ ނޫން ގަޑިތަކުގައި ބޭރުގަ ނޫޅުމަކީ" ސަމީރު ވިދާޅުވިއެވެ.

ކާފިއު ގަޑިތަކުގައި ހޮސްޕިޓަލްތަކުގައި ބަލި މީހުންނާއެކު މަޑުކުރާ މީހުންނަށް ހޮސްޕިޓަލްގެ ލިޔުމަކާއެކު ކާފިއު ގަޑީގައި ގެއަށާއި ހޮސްޕިޓަލަށް ދިއުމުގެ ހުއްދަ އޮންނާނެކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުންވެސް އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށާއި ނޫސްވެރިންވެސް ޑިއުޓީން ބޭރުން ނުވަތަ އިވެންޓް ކަވަރކުރުމަށް ނޫންގޮތެއްގައި އޮފީސް ފާސް ބޭނުންނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.