ވިޔަފާރި

އެމްއައިބީގެ އިތުރު އޭޓީއެމްއެއް ހުޅުމާލެއަށް


މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އިތުރު އޭޓީއެމް ސެންޓަރއެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

އެމްއައިބީގެ އިތުރު އޭޓީއެމްއާއެކު އެ ބޭންކުގެ އޭޓީއެމްތަކުގެ އަދަދުވަނީ 19 އަށް އަރާފައެވެ.

އެމްއައިބީއިން އެ ބޭންކުގެ އިތުރު އޭޓީއެމް ސެންޓަރެއް ހުޅުވާފައިވަނީ ހުޅުމާލެ ރަށު މާރުކޭޓުގައެވެ. މި އޭޓީއެމް ސެންޓަރ ހުޅުއްވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙުމަދު އަދި އެމްއައިބީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މުހައިމިންއެވެ.

މި އޭޓީއެމްއަކީ ހުޅުމާލޭގައި ބަހައްޓާފައިވާ އެ ބޭންކުގެ ދެވަނަ އޭޓީއެމްއެވެ. މި އޭޓީއެމް މެދުވެރިކޮށް އެހެން އޭޓީއެމްތަކުން ލިބޭ ޙިދުމަތްތަކުގެ އިތުރުން، ކޭޝްކާޑަކާއި ނުލައި ފައިސާ ޖަމާކުރުމުގެ ޙިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

އެމްއައިބީން އަލަށް ހުޅުވި އޭޓީއެމް ސެންޓަރާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ބޭންކުގެ ޗީފް އޮޕަރޭޓިން އޮފިސަރ އަޙުމަދު ރިޒާ ވިދާޅުވީ އެ ބޭންކުގެ ޙިދުމަތްތައް ޒަމާނީކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުތެރޭ އިތުރު ގާތްގަނޑަކަށް 10ވަރަކަށް މީގެ ޒަމާނީ އޭޓީއެމް މެޝިންތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބެހެއްޓުމަށް، މިހާރު އަޅުގަނޑުމެން އަތުގަ އެބަހުރި އޭޓީއެމް މެޝިންތައް، ސްޕޭސް ލިބޭ ވަރަކުން ބަހައްޓަމުން މިދަނީ،" ރިޒާ ވިދާޅުވިއެވެ.

ކޭޝް ކާޑު ބޭނުންނުކޮށް ފައިސާ ޖަމާކުރުމަށް ކޭޝް ކާޑުގެ ބަދަލުގައި ފޯނު ނަންބަރު ޖެހުމުން ފޯނަށް އޯޓީޕީއެއް ފޮނުވައެވެ. މި އޯޓީޕީ ޖެހުމަށް ފަހު ފައިސާ ޖަމާކޮށްލެވެއެވެ.

ރިޒާ ވިދާޅުވީ ބޭންކު ހުޅުވިފަހުން އެދެވޭ މިންވަރެއްގައި ކަސްޓަމަރުންގެ އަދަދުތައް އިތުރުވަމުންދާކަމަށެވެ. އެގޮތުން ކޮންމެ އަހަރެއްގައިވެސް 10 އިންސައްތަ އާއި 20 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާ ކަމަށް ރިޒާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އާ އޭޓީއެމް މެޝިނެއް ބަހައްޓާފައިވާއިރު، އެމްއައިބީން ވަނީ ޏ. ފުވައްމުލަށް އަދި ސ. ފޭދޫގައިވެސް މިހަފްތާތެރޭ އާ އޭޓީއެމް މެޝިންތަކެއް ބަހައްޓާ ޙިދުމަތްދޭން ފަށާފައެވެ.