ރިޕޯޓް

ތަހްޤީޤަށް ބޭނުންވާ ގިނަ ހެކިތަކެއް ވަނީ ނައްތާލާފަ - ރައީސް


ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާގެ ތަހްޤީޤީށް ބޭނުންވާ ގިނަ ހެކިތަކެއް ނައްތާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ޤައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗް ކޮޅުގައި ބަޔަކު ރާވައިގެން އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ތަހްޤީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހުރަސްތައް ކުރިމަތި ކުރުވުމަށް ބަޔަކު މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ބަލައި ފާސްކުރުމަށްދާ ތަންތަނާ ގުޅޭ މައުލޫމާތު ފުލުހުން އެތަނަކަށް ދިއުމުގެ ކުރިން އެފަރާތްތަކަށް އެނގިފައި އޮންނަކަން އެންކުއަރީ ކޮމިޝަންގެ ތަހްޤީގަށް އެނގިގައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ."މިކަހަލަ ކަންތައްތަކެއް ދިމާވީމަ އަޅުގަނޑުމެންނަށް (ތަހްޤީޤް ކުރާ ފަރާތްތަކަށް) ކަށަވަރުވެގެން މިދިޔައީ މިތަހްޤީގަކީ އެހާފަސޭހައިން، އެހާއަވަހަށް ނިންމޭނެ ތަޙްޤީޤަކަށް ނުވާނެކަމަށް." – ރައީސް ޔާމީންމިހާދިސާ ހިނގުމާގުޅިގެން، ހާދިސާ ހިނގި ދުވަހު ރައީސް ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗްކޮޅު ބަލައި ފާސްކުރި މީހުން، ލޯންޗް ބަލައި ފާސްކުރި އިރު ކުރަން ނުޖެހޭ ކަންތައްތަކެއް ކޮށްފައިވާކަން ތަހްޤީޤަށް ފާހަގަކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސިފައިންގެ 2 މީހުން ހައްޔަކުކޮށްފައިވަނީ މިކަމާ ގުޅިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ."މިކަމާ ގުޅިގެން ހައްޔަރުކުރި މީހުންނާ ނައިބުރައީސްގެ އަރިސް ބޭފުޅުންނާ ނުވަތަ ބޮޑީގާޑުންނާ ގުޅުންތަކެއް ހުރިކަން ތަހްޤީޤަށް ވަނީ އެނގިފަ. މިކަމާ ގުޅުންހުރި މީހުން ފުލުހުން އެދަނީ ހައްޔަރުކޮށް ސުވާލުކުރަމުން." - ރައީސް ޔާމީންރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަހްޤީޤަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިމައްސަލައާގުޅިގެން ކުރަމުންދާ ތަޙްޤީޤަށް ހައްޔަރުކޮށް ސުވާލުކުރެވޭ މީހުން ތަހުޤީގަށް އެއްބާރުލުން ނުދީ، ސުވާލުތަކަށް ޖަވާބު ދިނުމަށް އިޢުތިރާޒު ކުރާތީކަމަށެވެ. އަދި ހައްޔަރުކުރެވިފައިވާ ސިފައިންނާއި ފުލުހުން އެމީހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން ކުރި ކަމެއްގެ މައުލޫމާތު ތަހްޤީޤަށް ކިޔައި ދޭންޖެހޭނެކަމަށާއި، އެފަދަ ކަންކަމުގައި ސުވާލުކުރުމުން ހަނު ހުރުމުގެ ހައްޤުގެ ބޭނުން ކުރެވޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ފުލުހުންނަށް ބޭނުންވާ ތަކެތި ހަމަޖެހިފައިއޮންނަ އުސޫލުގެ ބޭރުން ފޯރުކޮށްދިނުމަށް ނައިބުރައީސް އަހުމަދު އަދީބާއި އެމް.އެމް.ޕީ.އާރ.ސީ ގުޅިގެން ފައިސާ ހަމަޖައްސާފައިވާން ތަހްޤީޤަށް އެނގިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިތަހުޤީޤުގެ މަސައްކަތް ފެށުނީއްސުރެ ނައިބުރައީސްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ. އަޅުގަނޑާ ވަރަށް ދުރުކޮށް ނައިބުރައީސް މަސައްކަތް ކުރައްވާފަހުރީ." ރައީސް ވިދާޅުވިއެވެ.މިމައްސަލައާ ގުޅިގެން ބަލައި ފާށްކުރި ގޭގެއިން ބޮންހަދަން ބޭނުންކުރާ ބައެއް ސާމާނު ފެނިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމީހުންނަކީ ނައިބުރައީސާ ގުޅުންހުރި ފަރާތްތަކެއް ކަމަށް ވުމާއެކު، އަދި އެހެނިހެން ބޮޑެތި ތުހުމަތަކެއްވެސް ނައިބުރައީސްގެ މައްޗަށް ކުރެވޭތީ، ނައިބުރައީސް ތަހްޤީޤަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މިމައްސަލައިގެ ތަހްޤީގަށް ހުރިހާ ފަރާތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެދިވަޑައިގެންނެވިއެވެ. އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.