ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020: މެދުވަލު އެފްސީ ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފި


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕު ސެމީފައިނަލުގެ ފަހު ޖާގަ މެދުވަލު އެފްސީ ކަށަވަރުކޮށްފިއެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 މުބާރާތުގައި މެދުވަލު އެފްސީ ސެމީ ފައިނަލަށް ދިޔައީ، މަރަދޫ އެފްސީ އާއި އެކު ކުޅުނު މެޗު އެއްވަރުވެ، ޕޮއިޓުގެ ގޮތުން ކުރީގައި އޮތުމުންނެވެ. މި ނަތީޖާއި އެކު މަރަދޫ އެފްސީ މުބާރާތުން ކެޓީ އެއްޕޮއިންޓު ލިބިގެންނެވެ. އަދި މެދުވަލު އެފްސީއަށް ކުރި ލިބެނީ ގްރޫޕް ސްޓޭޖުގައި އެއް މެޗު އޮވެ، 4 ޕޮއިންޓާއި އެކުގައެވެ.

މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ މަރަދޫ އެފްސީގެ އިބްރާހީމް ސިރާޖެވެ. އޭނާ 4 ވަނަ މިނެޓުގައި ޖެހި ލަނޑާއެކު މެދުވަލު އެފްސީން ހަމަލާތައް ހުއްޓުވައި ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. އެގޮތުން 41 ވަނަ މިނެޓުގައި މެދުވަލު އެފްސީ އަށް ގޯލެއް ކާމިޔާބު ކޮށްދިނީ އެޓީމުގެ ވިޝާން ހަބީބެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުވެސް ކުޅެގެން ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މިހާފުގައި ދެޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެޗުގައި ލިބުނު ޕެނަލްޓީއަކުން މަރަދޫ އެފްސީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނަސީރެވެ. މެދުވަލު އެފްސީން ނަތީޖާ ހަމަހަމަ ކުރީ، ލިބުނު ހިލޭ ޖެހުމެއް ގޯލަށް ވައްދައިގެން އެޓީމުގެ ހާޒިމް ފައުޒީއެވެ. މިހާފުގައި ދެޓީމުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.

މެދުވަލު އެފްސީގެ އެސިސްޓެންޓް މެނޭޖަރ ހުސެއިން ސަލީމް ބުނީ މެޗު ދިޔައި ރަންގަޅަށް ކަމަށާއި ނަމަވެސް ރެފްރީންގެ ބައެއް ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭކަމަށެވެ.

މަރަދޫ އެފްސީ ކޯޗު އިބްރާހިމް ނަސީމު ބުނީ، މުބާރާތުގައި ޓީމުގެ ޕާފޯމެންސާއި މެދު ހިތްހަމަޖެހޭ ކަމަށާއި، ދިމާވި ހަމައެކަނި މައްސަލައަކީ ލަނޑެއް ނުޖެހޭ މައްސަލަ ކަމަށެވެ. އެހެން ނަމަވެސް މުބާރާތުގައި ޓީމާހަވާލުވިއިރު ޓީމަކީ ދެހާފު ނުކުޅެވޭ ޓީމެއްކަމަށާއި، މިހާރު އެމަންޒަރު ބަދަލުވެފައިވާ ކަމަށެވެ.

މިމުބާރާތުގައި މިއަދު ކުޅޭނީ ފާހި ސްޕޯޓްސް އާއި އެފްސީ ބޭރުމަތިއެވެ. މިމެޗުން މޮޅުވާ ޓީމެއް ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ސެމީފައިނަލަށް ދާނެއެވެ. ބަލިވާ ޓީމު ސެމީ އަށް ދާނީ ގްރޫޕުގެ ދެވަނައިގެ ގޮތުގައެވެ.