ޚަބަރު

މަޖިލީހުގެ ރައީސް، ކޮމިޓީތަކުގެ މުޤައްރިރުންނާ ބައްދަލުކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އަންނަ ބުރާސްފަތިދުވަހު ހުޅުވާއިރު، މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮމިޓީތަކުގެ މުޤައްރިރުންނާއިއެކު ބޭއްވި މިބައްދަލުވުމުގައި މަޖިލީހުގެ މިއަހަރުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި މިއަހަރަށް ކޮމިޓީތަކުން އަމާޒުކަނޑައަޅާ ކަންތައްތަކާއި ކޮމިޓީތަކުގެ މަސައްކަތް ރާވާނެ ގޮތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން މިހަފްތާގެ ބްރާސްފަތި ދުވަހު އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމަށް ރައީސް އޮފީހުން ހަމަޖައްސަވާފައިވާތީ، ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަސްކަމުގައިވާ އަންނަ މަހުގެ 4 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސާފައިވާކަމަށެވެ.

ފެބްރުއަރީ 4ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވާ ތިންވަނަ ރިޔާސީ ބަޔާނަށެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

މި ޖަލްސާގައި އޮންނާނީ ހަމައެކަނި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.