ވިޔަފާރި

މިދިޔައަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު 20 އިންސައްތަ އިތުރުވެއްޖެ


މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މަހުގެ އަދަދު ވަނީ %20 އިތުރުވެފައެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 67703 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް 2019 ވަނަ އަހަރު މި އަދަދު އުޅުނީ 56421 މެޓްރިކް ޓަނުގައެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރާއްޖެއިން އާންމުކޮށް މަސް އެކްސްޕޯޓްކުރާ ބައެއް ޤައުމުތައްވެސް ލޮކްޑައުންކޮށް ބައިނަލްއަޤްވާމީ އުދުހުންތައް މެދުކެނޑުމުގެ ސަބަބުން މަސް އެކްސްޕޯޓްކުރުމަށް ދަތިތަކާއި ކުރިމަތިލާންޖެހުނު އަހަރެކެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެފައިވަނީ ފާއިތުވި ޑިސެމްބަރުމަހު އާދަޔާއި ޙިލާފަށް ގިނައިން މަސް އެކްސްޕޯޓްކޮށްފައިވާތީއެވެ. ޑިސެމްބަރމަހު އެކަނިވެސް ރާއްޖެއިން 14460 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ ތާޒާމަހާއި، ފިރިކުރި މަހާއި، ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކުރި މަހާއި، ޕްރޮސެސްކޮށްފައި ހުންނަ މަހެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ތާޒާ އަދި ފިނިކުރި ކަންނެލީގެ ބާވަތްތަކެވެ. 2020 ވަނަ އަހަރު މި ބާވަތުގެ 57410 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، 2019 ވަނަ އަހަރު އެކްސްޕޯޓްކޮށްފައިވަނީ 46000 މެޓްރިކް ޓަނެވެ.

ދަޅުގައި ނުވަތަ ޕައުޗްގައި 7000 އަށްވުރެ ގިނަ މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، ޕްރޮސެސްކޮށްފައި ހުރި 2000 އަށްވުރެ ގިނަ ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލޭންޑެވެ. މީގެއިތުރުން ޖަރުމަނުވިލާތް، އިންޑިއާ، އިނގިރޭސިވިލާތް، އަދި ފަރަންސޭވިލާތައްވެސް އަންނަނީ މަސް އެކްސްޕޯޓްކުރަމުންނެވެ. މީގެއިތުރުން މެދުއިރުމައްޗާއި ރަޝިއާގެ މާކެޓަށްވެސް ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.