އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލަށް ކުޅޭ ޖަޕާންގެ ޓަކޫމީ މިނަމީނޯ ސަދެމްޓަންއަށް ސޮއި ކޮށްފިއެވެ. މަޢުލޫމާތުލިބިފައިވާގޮތުގައި މިނަމީނޯ ސަދެމްޓަންއަށް ސޮއި ކޮށްފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން މިސީޒަންގެ ނިޔަލަށެވެ.
ސަދެމްޓަންއިން މިނަމީނޯ އެޓީމާއި ގުޅުނުކަން ހާމަކޮށްފައިވަނީ ޓްރާންފަރ ޑެޑްލައިން ރޭ ހަމަވިތާ ދެ ގަޑިއިރު ފަހުންނެވެ. ސަދެމްޓަންއިން މިނަމީނޯ މިގެންދިޔައީ އެޓީމްގެ ޝޭން ލޯންގ ޗެމްޕިއަންޝިޕްގެ ބޯންމޯތަށް ބަދަލުވުމާއި ގުޅިގެންނެވެ. މިނަމީނޯ ލިވަޕޫލާއި ގުޅިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ޓްރާންފަރ މުއްދަތުގެ ތެރޭގައި ރެޑް ބުލް ސާލްޒްބާރގުން 7.2 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ސާލްޒްބަރގަށް މޮޅު ކުޅުމެއް ދެއްކުމުގެ ސަބަބުން ގިނަ ބައެއްގެ ލޮލުގައި އަޅައިގެން މިނަމީނޯއަށް އޭނާގެ މޮޅު ކުޅުން ލިވަޕޫލްގައި ދެއްކޭގޮތްވަނީ ނުވެފައެވެ. އަދި މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިވަޕޫލްގެ ފުރަތަމަ އެގާރައިގާ ހިމެނުމުގެ ފުރުސަތު ޕްރިމިއަރ ލީގުގައި ލިބިފައިވަނީ ހަތަރު ފަހަރުއެވެ.
ސަދެމްޓަންގެ ކޯޗު ރަލްފް ހަސެންހުޓްލް ހާމަކުރިގޮތުގައި މިނަމީނޯ ވެގެންދާނީ އޭނާގެ ޓީމްގެ ކުރިއަށް ލިބިގެންދާނެ އިތުރު އޮޕްޝަނެއް ކަމަށާއި އޭނާއަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ ޓީމަށް ހޭނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގައިވެސް ސަދެމްޓަންގެ ކޯޗު ހަމަކުރިއެވެ. ސަދެމްޓަންއިންވަނީ އާސެނަލްގެ އައިންސްލީ މައިޓްލަންޑް ނައިލްސް ގެންދިއުމަށްވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެވާހަކަތައް ހުއްޓި އެންމެފަހުން މައިޓްލަންޑް ނައިލްސް ވަނީ ވެސްޓް ބްރޮމްވިޗް އެލްބިއަންއަށް ސޮއިކޮށްފައެވެ.
މީގެއިތުރުން އާސެނަލްއަށް ކުޅޭ ޖަރުމަނުވިލާތުގެ ބައިނަލްއަގްވާމީ ޑިފެންޑަރ ޝޮދްރާން މުސްތާފީވަނީ ހަމަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޖަރުމަނު ބުންޑަސްލީގާގެ ޝާލްކަރއަށް ސޮއިކޮށްފައެވެ. 28 އަހަރުގެ މުސްތާފީ ޝާލްކަރއަށް މި ސޮއި ކުރީ އޮޒާން ކަބަކް ނެތް ތަން ފޫބެއްދުމަށްޓަކައެވެ. މުސްތާފީ މިސީޒަންގައި ޕްރިމިއަރ ލީގުގެ މެޗެއްގައި އާސެނަލްގެ ފުރަތަމަ އެގާރައިގާ ހިމެނިފައެއް ނުވެއެވެ.
މުސްތާފީ އާސެނަލްއާ ގުޅިފައިވަނީ 2016 ވަނަ އަހަރު 35 މިލިއަން ޕައުންޑްގެ އަގަކަށް ސްޕެނިޝް ލަލީގާގެ ވެލެންސިއާއިންނެވެ. އަދި މިހާތަނަށް އާސެނަލްއަށް 151 މެޗް ކުޅެދީފައިވެއެވެ.